07 Nov 2011, 11:11
މަގުބޫލު އުޒުރަކާ ނުލައި ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ނުވާކަމަށް ބުނެ ށ. އަތޮޅު ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ދެ ކައުންސިލަރުން، މެންބަރުކަމުން ވަކިކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމް މިއަދު ވިދާޅުވީ މިލަންދޫ ދާއިރާގެ އެމްޑީޕީ ދެ ކައުންސިލަރުން ކަމަށްވާ ފިރާގު އިބުރާހިމާއި އަބްދުﷲ އާތިފު އެ ކައުންސިލްގެ މެންބަރުކަމުން ވަކިކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު11، 2011ގައި އެ ކައުންސިލްގެ އަނެއް ހަތަރު މެންބަރުން ވޯޓުދީގެން ފާސްކުރި ގަރާރަކުން ކަމަށެވެ.
"އެ ދެ ބޭފުޅުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނާއި ހިލާފުވެވަޑައިގެންފައި. އެ ގާނޫނުގައި ވަރަށް ސަރީހަ އިބާރާތުން އެބަ ބުނޭ ވިދިވިދިގެން ކައުންސިލްގެ ހަތް ޖަލްސާއަށް ހާޒިރުވެ ވަޑައިނުގެންފިނަމަ ކައުންސިލްގެ މެންބަރުކަމުން ވަކިވާނެކަމަށް. އެހެންވެ ކައުންސިލްގެ ގަރާރަކުން އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމެވީ،" ފަތުހީ ވިދާޅުވިއެވެ.
މިހާތަށް އެންމެ ދުވަހަކު ވެސް އެ ދެ ކައުންސިލަރުން ކައުންސިލްގެ ރަސްމީ މަސައްކަތަށް ކައުންސިލް އިދާރާއަށް ހާޒިރުވެވަޑައިގެންފައި ނުވާކަމަށް ކައުންސިލަރުންގެ ހާޒިރީއިން އެނގެން އޮތްކަމަށް ވެސް ފަތުހީ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ށ. އަތޮޅު ކައުންސިލްގެ މިލަންދޫ ދާއިރާގެ ދެ ކައުންސިލަރުން ކަމަށްވާ ފިރާގު އިބުރާހިމާއި އަބްދުﷲ އާތިފް ކައުންސިލް މެންބަރުކަމުން ވަކިކޮށްދެއްވުމަށް އެ ކައުންސިލުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ކައުންސިލުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ދިރާސާ ކުރުމަށްފަހު އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ގާނޫނުގެ 119 ވަނަ މާއްދާގެ (ށ) ގައި ވަނީ މަގުބޫލު އުޒުރެއްނެތި ކައުންސިލަރަކު ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެވަޑައި ނުގެންފިނަމަ ކައުންސިލްގެ މެންބަރު ކަމުގެ މަގާމުން ވަކިވާނެ ކަމަށެވެ.