29 Aug 2019, 17:36
ކުރު ޗުއްޓީއެއް ލިބުމުން ގުރައިޝާ އަބްދުﷲ، 30އ. އޭނާގެ ފަސް އަހަރުގެ ދަރިފުޅު، އީރާއާ އެކު މިއަދު ހެނދުނު ކުޑަ ލޯންޗެއްގައި ހދ. ނޮޅިވަރަންފަރުން ފުރީ މާލޭގައި ވަޒީފާ އަދާކުރާ އޭނާގެ ފިރިމީހާ ގާތަށް އައުމުގެ ފޮނި އުންމީދާ އެކު އެވެ.
ނޮޅިވަރަންފަރުން ދަތުރު ފެށީ 10 ވަރަކަށް މިނެޓުން ދެވޭ އެ އަތޮޅު ހަނިމާދޫ އެއާޕޯޓަށް ގޮސް، ދެން މާލެ އަންނާށެވެ. ގުރައިޝާއާއެކު އޭނާގެ "ހީރޯ" ލޯބިވާ ބައްޕަ އަދި މަންމަ ވެސް ދަތުރުގައި ބައިވެރިވި އެވެ.
އިތުރު ހަ މީހުންނާއެކު ގުރައިޝާމެން ދަތުރަށް ފެށިއިރުވެސް އުޑުމަތި ބަނަ އެވެ. ކަނޑުގެ ރާޅުތައް ބިންދަމުން ދިޔައީ ރުޅިވެރިކަމާއެކު އެވެ. ނަމަވެސް ދަރިފުޅުގެ ބައްޕައާ ބައްދަލުކޮށްލުމަށް ފޮނި އުންމީދުތަކަކާއެކު ފެށި ދަތުރަކީ، އެދެމައިންގެ ހަޔާތުގެ ފަހު ދަތުރަށް ވާނެ ކަމަށް އެއްގޮތަކަށް ވެސް ހީވެފައެއް ނެތެވެ.

އާއިލާ ދެކިލުމުގެ އުންމީދުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލްގައި ކެތް މަދުވެފައި ހުރި ގުރައިޝާގެ ފިރިމީހާގެ ހަޔާތަށް ބިންދާލަން ތައްޔާރުވެފައި އޮތް ބޮޑު ރާޅުގެ އިހުސާސެއް އޭނާއަށް ވެސް ކުރެވިފައެއް ނެތެވެ. އޭނާގެ ސިކުނޑީގައި ހިގަމުން ދިޔައީ، އަންހެނުން ގުރައިޝާ އާއި ދަރިފުޅު އީރާއާ ދުވަސްތަކަކަށް ފަހު އަނެއްކާ ވެސް ބައްދަލުވާތީ، އެ ފޮނި އިހުސާސެވެ. ހޮލިޑޭ ޕްލޭންތައް އޮތީ ރާވައިފަ އެވެ. އެކަމަކު އެ ހިނިތުންވެސް ކަރުނައަށް ބަދަލުވާން ހިނދުކޮޅެއް ވެސް ނުނެގި އެވެ.
ހަނިމާދޫއާއި ނޮޅިވަރަންފަރާ ދޭތެރޭ ދަތުރެއް ކޮށްލަން 10 ވަރަކަށް މިނެޓް ހޭދަވާ، ނަމަވެސް ދަތުރަށް ފެށިތާ މާގިނަ އިރެއް ނުވެ، ކޮޅިގަނޑުގައި ޖެހި ހަނިމާދޫ ބޭރު ކަންމައްޗަށް ލޯންޗު ބަންޑުން ޖަހާލީ އެވެ.
ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި، ލޯންޗުން ދަތުރުކުރި އެންމެން ކަނޑުވި އެވެ. ފަސް މީހުން ސަލާމަތްވި އިރު، ފަސް މީހަކު ވަނީ މި ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާއު ކިޔައިފަ އެވެ. ކަނޑުން ނަގަން ޖެހުނީ ގުރައިޝާގެ ދެމައިންނާއި، އޭނާގެ މައިންބަފައިންގެ ފުރާނަ ނެތް މަސްގަނޑެވެ.

ލޯންޗް އެކްސިޑެންޓްގައި މަރުވި، ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު): އެ ހާދިސާގައި އޭނާގެ އަންހެނުންނާއި ހަމައެކަނި އަންހެން ދަރިފުޅު އަދި ކާފަ ދަރިފުޅުވެސް މަރުވި. -- ފޮޓޯ ރައީސް އޮފީސް
ލޯބިވާ އަނބިމީހާއާއި ހަމައެކަނި ދަރިފުޅާ ބައްދަލުކޮށްލުމަށް ކެތްމަދުވެފައި، މާލޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ފިރިމީހާއަށް ލިބުނު އެ ހަބަރުން އޭނާގެ ލޮލުން ފާއްދާލީ ހުއްޓުމެއް ނެތް ކަރުނަ އެވެ. ދިރިއުޅުމުގެ އެތައް އުންމީދެއް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުޑުނޑުވެ، އޮޔާ ދިޔައީ އެވެ. އޭނާގެ ހަޔާތް ވެސް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި، ފުނޑުފުނޑުވީ އެވެ.
މި ހާދިސާގައި މަރުވި ގުރައިޝާގެ ބައްޕައަކީ ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރު، ހުސައިން އަބްދުﷲ، ދަރިވަރުންގެ ނަމުން ނަމަ، ބޮޑު ޓީޗަރެވެ. އެ ހާދިސާއަށް ފަހު ނޮޅިވަރަމްފަރަށް ވަނީ ހިތާމަވެރިކަމެއް ވެރިވެފަ އެވެ. އެންމެންގެ ބަސް ވަނީ ހުއްޓިފަ އެވެ. ހަމައެކަނި ހުރި އަންހެން ދަރިފުޅު ގުރައިޝާ ފުރުވާލުމަށް ފަހު ހުސެއިން އަބްދުﷲ އާއި އަންހެނުން ނިންމައިގެން ތިބީ އެނބުރި ރަށަށް އަންނާށެވެ. އެކަމަކު އެ މީހުންނަށް ރަށަށް ނާދެވި އެ ދެމަފިރިންގެ ހަޔާތުގެ ދަތުރުވެސް ނިމުނީ އެވެ.

ހާދިސާގައި ދެން މަރުވި މީހާއަކީވެސް އެ ރަށު ސްކޫލުގެ އެހެން ޓީޗަރެއްގެ އަންހެނުންނެވެ. ލޯންޗު ބަންޑުން ޖަހާލި އިރު، ލޯންޗުގައި އޭނާގެ ފިރިމީހާވެސް އިނެވެ. އެ ދެމަފިރިން ހަނިމާދޫއަށް ދަތުރު ކުރަމުން ދިޔައީ އިންޑިއާއަށް ފުރާށެވެ. އެކަމަކު އެ ދަތުރުގެ އަސްލު މަންޒިލަށް ނުދެވެނީސް ވަކި ހިސާބަކުން ފިރިމީހާއަށް ވެސް އޭނާގެ އަންހެނުންނާ އަބަދުގެ އަބަދަށް އަލްވަދާއު ކިޔަން ޖެހުނީ އެވެ.
މިއަދު ބަންޑުން ޖަހާލައިފައި ވަނީ އާންމުކޮށް ނޮޅިވަރަންފަރާއި ހަނިމާދުއާ ދެމެދު ދަތުރުކުރާ ފެރީ ލޯންޗެކެވެ. އެރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ އެ ލޯންޗު ބަންޑުން ޖަހާލަން މެދުވެރިވީ، ދެ ރަށުގެ ދޭތެރޭގައި އޮންނަ ކަނޑުއޮޅިން ލޯންޗު ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅެއްގައި ލޯންޗު ޖެހިފަ އެވެ. ހުޅަނގުގެ ގަދައިގައި އާންމުކޮށް އެ ކަނޑުއޮޅި ބޭނުން ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ހާދިސާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައި ވަނީ އެ ލޯންޗު ދުއްވަން ހުރި މީހާ އާއި އިތުރު މީހަކު ފަތާފައި ގޮސް ހަނިމާދޫއަށް އެރުމަށްފަހު އެވެ. މީހުން ހޯދުމުގެ މަސައްކަތް ފެށުނީ އެ ހިސާބުންނެވެ. އަދިވެސް އެ މަސައްކަތް ދަނީ ކުރިއަށެވެ.