07 Nov 2011, 10:28
ރޭ ފަތިހު ރ. ދުވާފަރު ބަނދަރުގައި އޮތް ނ. ވެލިދޫ ލޯންޗެއްގައި އަލިފާން ރޯވެ ތިން މީހަކު ފިހިއްޖެ އެވެ.
ފުލުހުން ބުނީ ވެލިދޫ "ސާއްބަ ފަތްމިނި" ލޯންޗުގައި އަލިފާން ރޯވި ހާދިސާގައި ފިހުނު ތިން މީހުންނަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ދުވާފަރު ސިއްހީ މަރުކަޒުން އެ މީހުންނަށް ފަރުވާ ދީފައިވާ ކަމަށެވެ. ފިހުނީ ކޮން ބައެއް ކަމެއް ސާފެއް ނުވެއެވެ.
"އެމީހުން މާބޮޑަށް ފިހުނު ކަމަށް މަޢުލޫމާތު ލިބިފައެއް ނެތް. ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު އެމީހުން ދޫކޮށްލާފައިވާ ކަމަށް މަޢުލުމާތު ލިބިފައި ވަނީ،" ފުލުސް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނިގޮތުގައި ލޯންޗުގައި އަލިފާން ރޯވަން ދިމާވީ ލޯންޗުގެ ބެޓެރިއެއް ޝޯޓުވެގެން ކަމަށާއި ލޯންޗުގައި ރޯވި އަލިފާންގަޑު ނިންވާލާފައިވަނީ އެ ލޯންޗުގެ ފަޅުންވެރިނާއި ދުވާފަރުގެ ރައްޔިތުންގެ އެހީތެރިކަމާ އެކުގައެވެ. އަލިފާނުގެ ހާދިސާގައި ލޯންޗަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.