ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން މެދުވެރިވި، ފެބުރުއަރީ ހަތެއް، 2012 ގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އުނދަގޫ ސުވާލުތަކެއް މިއަދު މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން ކުރިމަތި ކުރުވައިފި އެވެ.

ފެބުރުއަރީ ހަތެއްގައި ފުލުހުން ދެއްކި ނުކިޔަމަންތެރިކަމުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް، އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން ޖެހުނީ އިމްރާން ވެސް އިސްވެ ހުންނަވައިގެން އޭރު އިދިކޮޅު ފަރާތްތަކުން ކުރި ސިލްސިލާ މުޒާހަރާތަކަށް ފަހު އެވެ.

މިއަދު އިމްރާން މަޖިލީހަށް ހާޒިރުކުރީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ.

މަޖިލީހުގައި މެމްބަރު ޖާބިރު މިނިސްޓަރާ ސުވާލު ކުރެއްވީ 2012 ވަނަ އަހަރުގެ ފެބުރުއަރީ ހައެއް، ހަތެއް އަދި އަށް ވަނަ ދުވަހު ފުލުހުންގެ ތެރޭގައި ހިނގައިދިޔަ ފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅައިފައިވާ ފިޔަވަޅުތައް ސާފު ކުރުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/މަޖިލިސް

އެ ސުވާލަށް އިމްރާން ވަނީ ވަރަށް ފަރިތަކަމާއެކު ޖަވާބު ދެއްވައިފަ އެވެ. އެގޮތުން އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ފުލުހުންގެ ޓްރެއިނިންތަކަށް ބަދަލު ގެނެސްފައިވާކަމަށާއި، ހައްސާސީ ވަގުތުތަކުގައި ފުލުހުންގެ ޗެއިން އޮފް ކޮމާންޑަށް އަމަލު ކުރުމާއި ކޮމާންޑަށް ކިޔަމަންތެރިވުމުގެ މުހިންމުކަން މިހާރު ޓްރެއިން ކުރާ ފުލުހުންނަށް ބުނެދެމުންދާ ކަމަށް ވިދާޅުވި އެވެ.

އަދި މީގެ ކުރިން ޕަބްލިކް އޯޑާ ޓްރެއިނިންތައް ދެނީ ފުލުހުންގެ ވަކި ބަޔަކަށް ނަމަވެސް، މިހާރު ހުރިހާ ފުލުހުންނަށް ވެސް އެ ޓްރެއިނިންތައް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އިތުރު ސުވާލަށް ހުޅުވާލުމާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުން ވަނީ މިނިސްޓަރު އިމްރާން އަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -- ފޮޓޯ/ މަޖިލިސް

އެގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ އެދުވަހު ބައެއް ފުލުހުން އޭރުގެ ރައީސްއާ ދިމާ އިދިކޮޅަށް މަސައްކަތް ކުރަން މެދުވެރިވީ އެ ފުލުހުންނަށް "ކޮން ވިސްނުމެއް ވިސްނައިދީގެންތޯ" ސާފުކޮށްދިނުމަށް އެދިފަ އެވެ. އަދި ފުލުސް އޮފީސް ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރުން އެއްވެ ތިބިތޯ އާއި، ކޯނީ ރިޕޯޓުން ގަނޑެއް މަދުވެ ނުވަތަ ގިނަވެފައިވާ ކަމަށް ގަބޫލު ކުރެވޭތޯ ސައީދު ސުވާލު ކުރެއްވި އެވެ.

ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބަސްނޭހުމަކީ އިންސާނީ ތަބީއަތުގައި ހުންނަ ކަމެއް ކަމަށާއި، އެފަދަ ކަންކަމުން މުއައްސަސާތައް ރައްކާތެރި ކުރުމަށް އެތެރޭގެ އޮނިގަނޑުތައް ހަރުދަނާ ކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް ސައީދު ވަނީ އޭނާ ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް މިނިސްޓަރު ނުދެއްވާތީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ މެމްބަރު ކުރެއްވި ސުވާލުތައް ތަކުރާރުކޮށްދެއްވައި، ސުވާލަށް ޖަވާބު ދެއްވުމަށް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ފުލުހުންގެ ވިސްނުމަށް ބަދަލެއް ގެނައި ގޮތެއް އަޅުގަނޑަކަށް ނޭނގެ. ދެން ބަދަލެއް އައިސް ހުރުމެއް އަޅުގަނޑަށް ނޭނގޭ ކަމެއް އެއީ. ދެން ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެދުވަހު ތިބި ވެރިންނަކީ އަޅުގަނޑަށް އެނގޭ ބައެއް ނޫން. އަޅުގަނޑަކަށް އެކަމެއް ނޭނގެ. ސީދާ ކޮން ބައެއްކަމެއް ނޭނގެ. ދެން ކޯނީ ރިޕޯޓުން ސޮފްހާއެއް މަދުވެފައި ވާކަން ނުވަތަ އިތުރުވެފައިވާކަން އަޅުގަނޑަށް އަލަށް މި އަޑު އިވުނީ،" ސައީދުގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ހަތެއް ފެބުރުއަރީގައި ހިނގައިދިޔައީ ބަޣާވާތެއްތޯ، އަދި އެކަމުގައި އިމްރާންގެ ހިއްސާ އޮތީ ކިހާވަރަކަށްތޯ ސުވާލުކުރައްވައިފަ އެވެ.

ޝިޔާމްގެ ސުވާލަށް ޖަވާބު ދެމުން އިމްރާން ވިދާޅުވީ ހަތެއް ފެބުރުއަރީގައި ހިނގި ކަންތައްތަކުގެ ސޮފްހާ އަލުން ހުޅުވައިގެން އެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި، އެވާހަކަ ދައްކަން ވެއްޖެއްޔާ ގައުމުގެ މަސްލަހަތު ގެއްލުން ފިޔަވާ އިތުރު ކަމެއް ނުވާނެ ކަމަށެވެ.

އަދި މަޖިލީހުގައި މިއަދު ތިއްބެވި ބައެއް މެމްބަރުންނަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ، އެ ދުވަހު ހިނގި ކަންތައްތަކުގައި "އެކި ގޮތްގޮތަށް އެކި ކޮޅު ކޮޅުގައި ތިއްބެވި އެތައް ބޭފުޅުން" މަޖިލީހުގައި ވެސް ތިއްބެވި ކަމަށެވެ.

"މި ބޭފުޅުންގެ މެދުގައި ގާއިމުވެފައިވާ އެކުވެރިކަމާ މަސްލަހަތާ އެއްބާރުލުން ގެއްލިގެން ނުދާނެ ގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރުމަކީ އަޅުގަނޑު ހިތުން އަޅުގަނދުމެން އެންމެންގެ މަސްއޫލިއްޔަތެއް. މިއަދު ގައުމު ވަނީ އެކުވެރިން ކުރަން ޖެހިފައި، އެއްބައިވަންތަ ކުރަން ޖެހިފައި. އެދުވަހަށް އެނބުރި ގޮސް އެދުވަހުގެ ފަސްބައި ނަގައި ކޮނެ ހަދާ، އަޅުގަނޑުމެންގެ ގައުމަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެގެން ދިއުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ އެކަކު ވެސް ބޭނުންވާނެ އަދި ރުހޭނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

ނަމަވެސް މެމްބަރު ޝިޔާމް ވިދާޅުވީ އެދުވަހު ހިނގައިދިޔަ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވި ފަރާތްތައް މިއަދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބިއިރު، އެއީ ބަޣާވާތެއްތޯ ބެލެންޖެހޭނެ ކަމަށެވެ.

އޭރު ކުރި މުޒާހަރާތަކުގައި، އެމްޑީޕީގެ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް އިމްރާން ވިދާޅުވަމުން ގެންދެވީ ކޮން އަސާސްތަކެއްގެ މައްޗަށް ބިނާކޮށްކަން ސާފުކޮށްދިނުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ސުވާލަށް އިމްރާން ޖަވާބެއް ނުދެއްވި އެވެ.

އިމްރާން ވިދާޅުވީ އެއީ މިއަދު ކުރަން އޮތް ސުވާލާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ސުވާލެއް ކަމަށެވެ.

ނަމަވެސް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވާ ހިސާބަށް ކަންތައް ގޯސްވެގެންދިޔައީ، އިމްރާން އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުން އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ކަމަށްވާއިރު، އެއީ މިއަދުގެ ސުވާލާ ވަރަށް ބޮޑަށް ވެސް ގުޅުންހުރި ސުވާލެއް ކަމަށެވެ.

"މަނިކުފާނު ކިހާވަރެއްގެ ޒިންމާއެއް ނަންގަވަންތޯ އެދުވަހު އެ ހާލަތަށް ވައްޓާލުމަށް؟" ތޯރިގު ސުވާލުކުރެއްވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ/ މަޖިލިސް

ތޯރިގުގެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ އެދުވަބު އިމްރާން ހުންނެވި ހިސާބާއި، "ތޯރިގް ހުންނެވި ހިސާބާ، ސަލީމް ހުންނެވި ހިސާބު" އަޅާކިޔައިގެން މިއަދު ގައުމަށް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ބޭރުގެ މާހިރުން ވެސް ހިމެނޭ ހާއްސަ ކޮމިޝަނަކުން އެ މައްސަލަ އޮތީ މީގެ ކުރިން ތަހުގީގުކޮށް ގޮތްތަކެއް ނިންމައިފަ އެވެ. އަދި އެކަންކަން އިތުރަށް ބަލަން ބޭނުން ނަމަ، އޮންނަ އުސޫލުގެ ތެރެއިން ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ދެކޭ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.