29 Aug 2019, 14:46
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކި ކުރުމުން ފަނޑިޔާރުންގެ ބެންޗުން ހުސްވި މަގާމަށް ފަނޑިޔާރަކު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއުލާނުކޮށްފި އެވެ.
ޖޭއެސްސީއިން ކުރި އިއުލާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ލަފާ އަރުވަން އެމަނިކުފާނު މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން، ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގެ ދަށުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނު ކުރާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައެވެ.
އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ރޭގައެވެ. އޭނާ ވަކި ކުރުމަށް މަޖިލީހުގެ 72 މެމްބަރުން ވޯޓުދެއްވި އެވެ. އެއްވެސް ކޮޅަކަށް ވޯޓުދޭން ނުފެންނަ ކަމަށް ވޯޓޫ ދެއްވީ އެންމެ މެމްބަރެކެވެ.
އަބްދުﷲ ދީދީ ވަކި ކުރީ ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެން ބެލި ސުލޫކީ މައްސަލައެއް އޭނާއާ ދެކޮޅަށް ނިމުމުންނެވެ. އެއީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފޮނުވި ސިޓީ އެކެވެ. ދީދީގެ މައްސަލަ ބަލައި ޖޭއެސްސީއިން ނިންމުން ނެރުނު ރިޕޯޓުގައި ވާގޮތުން ފުލުހުން ބަލަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ ފަރާތްތަކުގެ ކިބައިން ފައިދާ ނަންގަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން "ނާޖާއިޒް މަންފާތަކެއް ހޯދި" ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުން އިތުރުވި ދެ މަގާމަށްވެސް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަގާމުތަކަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި އައިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަޒްމިރަލްދާ ޒާހިރު އައްޔަން ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިހާރު ވަނީ ފާސްކޮށްފައެވެ.