29 Aug 2019, 14:48
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ސޫޓާއި ގައުން ފަހައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ
މި މަހުގެ 26 ވަނަ ދުވަހުވެސް ސޫޓާއި ގައުން ފަހައިދޭނެ ފަރާތެއް ހޯދަން ސުޕްރީމް ކޯޓުން އިއުލާނު ކުރި އެވެ. އެކަމަކު، އެ އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް އައީ ދެ ފަރާތަކުން ކަމުގައިވާތީ، އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ.
މިއަދު އަނެއްކާވެސް ވަނީ އެ ކޯޓުގެ ފަނޑިޔާރުންނަށް ސޫޓާއި ގައުން ފަހައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ.
މިއަދު ކުރި އިއުލާނުގައި ބުނެފަައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ 11:00އަށް އެ ކޯޓަށް ގޮސް މައުލޫމާތު ސާފުކުރުމަށްފަހު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 11:30އަށް އެ ކޯޓަށް އަންދާސީހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުން، އެ ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެ ދެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި އައިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަޒްމިރަލްދާ ޒާހިރު އެ ދެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީއިން ވަނީ މަޖިލީހަށް ލަފާ ދީފައެވެ. އަދި އެ ދެ ބޭފުޅުންގެ ނަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ފާސްކޮށްފަ އެވެ.
މީގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކި ކޮށްފައި ވުމުން، ފަނޑިޔާރުންގެ ބެންޗުން އިތުރު މަގާމެއް ވަނީ ހުސްވެފަ އެވެ. އެހެންކަމުން، އަލަށް އައްޔަން ކުރާ ބޭފުޅުންނަށް ބޭނުންފުޅުވާ ސޫޓާއި ގައުން ޖެހޭނީ ފަހާށެވެ.