މިދިޔަ ޖުލައި މަހުގެ ނިޔަލަށް ގްރީން ފަންޑްގައި ހުރި ފައިސާގެ އަދަދު 343.6 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، 165.3 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން މަހަކު އެއްފަހަރު ނެރެމުން އަންނަ ގްރީން ފަންޑް ރިޕޯޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ ނިޔަލަށް އެ ފަންޑަށް 508 މިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ވަނީ 165.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ.

ގްރީންފަންޑުގެ ފައިސާއިން މިހާރު ހިންގާ ޕްރޮޖެކްޓުތަކުގެ އަގު 12 މިލިއަން ރުފިޔާ އަށް އަރާކަމަށްވެސް ފިނޭންސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކަ އެވެ. އެ ފަންޑުން ހަރަދުކުރަމުން އަންނަނީ ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ވޭސްޓްމެނޭޖުމެންޓުގެ މަޝްރޫއުތަކަށެވެ.

ޖުލައިމަހު އެންމެ ގިނަ އަދަދެއްގެ ފައިސާ ގްރީން ފަންޑަށް ޖަމާކޮށްފައިވަނީ ކ. އަތޮޅުންނެވެ. އެއީ ޖުމްލަ 19.6 މިލިއަން ރުފިޔާ އެވެ. ކ އަތޮޅުގެ ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި 18 މިލިއަން ރުފިޔާ ލިބިފައިވާއިރު ހޮޓަލްތަކުން 158،607 ރުފިޔާ ވަނީ ލިބިފައެވެ. ކ އަތޮޅުގެ ގެސްޓްހައުސްތަކުން 662,046.53 ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ވަނީ ލިބިފައެވެ.

ރިސޯޓް، ހޮޓާ ގެސްޓްހައުސްތަކުން ޖުމްލަ 49 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު ލިވަބޯޑްތަކުން 989،658 ރުފިޔާ ވަނީ ލިބިފަ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.