29 Aug 2019, 14:09
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ހެއްދެވީ ދޮގު ކަމަށާއި އެންމެ ހިދުކޮޅަކު ވެސް އެކަމަނާ މަގާމުގައި ބަހައްޓަވަން ނުޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ރާޖު ވިދާޅުވެއްޖެ އެވެ.
ގެއްލުވާލެވިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ދައުވާ ކުރި ދެ މީހުންނަށް ކުށް ސާބިތުނުވުމުން އެ މައްސަލަ ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ނުކުރީ ކީއްވެގްންތޯ އެއްސެވުމުން އެ މައްސަލަ އިސްތިއުނާފް ކުރެއްވި ކަމަށް ޕީޖީ ކޮމިޓީގައި ވިދާޅުވި ކަމަށް ސިރާޖް ވިދާޅުވި އެވެ. ނަމަވެސް ޕީޖީ ކޮމެޓީއަށް ދެއްވި އެ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ސިރާޖް ފާހަގަ ކުރެއްވި އެވެ.
"ނަމަވެސް އަޅުގަނޑުމެން ކޯޓުން ސާފުކުރުމް އެނގިގެން ދިޔައީ ޕްރޮސިކިއުޓާ ޖެނަރަލް ބިޝާމް މި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުވެ ދެއްވީ ދޮގު މައުލޫމާތު ކަމަށް،" ސިރާޖު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ރައީސް އޮފީހަށް ވަޑައިގެންނެވީ ކޮން ބޭނުންމެއްގައި ކަން އެއްސެވުމުން އެއީ، ޑްރަގު ކައުންސިލްގެ ބައްދަލުވުންތަކެއްގައި ބައިވެރިވުމަށް ކަމަށް ވިދާޅުވިކަން ޝިރާޖު ފާހަގަ ކުރެއްވި އެވެ. ނަމަވެސް ރައީސް އޮފީހުން އެކަން ބެލިއިރު އެއީ ކަނޑައެޅިގެން :ރޯ ބުހުތާނު ދޮގު"ކަން ހާމަވި ކަމަށް ސިރާޖު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ސަންފޮޓޯ/ ފަޔާޒު މޫސާ
ޕީޖީ ބިޝާމްގެ އަމަލުތައް އެގޮތަށް ހުރުމާއި އެކު އެތައް ރައްޔިތުންގެ މައްޗަށް ނުހައްގުން ދައުވާތަކެއް ކޮށްފައިވާއިރު އެކަމަނާ މަގާމުން ދުރު ނުކުރެވިގެން އުޅެނީ ކޮން ބޭނުމަކަށްކަން ވިސްނިވަޑައި ނުގަންނަވާ ކަން ސިރާޖު ފާހަގަ ކުރެއްވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޝަރީއަތެއް ހިނގާތީ އެއީ ޕީޖީ ވަކި ނުކުރެވޭނެ ހުއްޖަތެއް ނޫން ކަމަށް ސިރާޖު ވިދާޅުވި އެވެ. އަދި އެ ޝަރީއަތްތައް ވެސް ކުރިއަށް ގެންދަނީ ރައީސް ޔާމީނަށް މަންފާވާނެ ގޮތަށް އެތައް އިޖުރާއީ ކަންތައްތަކެއް ގޯސްކޮށް ކުރައްވަމުން ކަން ސިރާޖު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާރުން މިހާރަށް މިއަދުން މިއަދަށް ވެސް އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ޕްރޮސިކިއުޓާ ޖެނަރަލް މަގާމުން ވަކިކުރުން. އެއީ މި ގާނޫނަށް މާ ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމެއް ނޫން. އަޅުގަނޑުމެން ޖެހޭނީ އިހްލާސްތެރި ނަޒާހަތްތެރި ޕްރޮސިކިއުޓާ ޖެނަރަލެއް މަގާމަށް އައްޔަނު ކުރަން،" ސިރާޖު ވިދާޅުވި އެވެ.
ސިިރާޖުގެ އެ ތުހުމަތުތަކާއި ގުޅިގެން ޕީޖީ ބިޝާމްގެ ބަހެއް ހޯއްދެވުމަށް އެކަމަނާގެ ފޯނައް ގުޅި ނަމަވެސް ފޯނައް ޖަވާބު ނުދެއްވާތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.