07 Nov 2011, 09:57
ފެންޓަސީ ސްޓޯރުގެ ތެރެ އިން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ފެނުމާ ގުޅިގެން ކޮމިޔުނިޓީ ހެލްތު ސާވިސް އިން އެންގި އެންގުމަކަށް އެތަން ބަންދުކޮށްފައިވަނިކޮށް އަލުން އެތަން ހުޅުވައި މިއަދު ޚިދުމަތް ދެމުން ދަނިކޮށް ފުލުހުން ގޮސް އެތަން އަނެއްކާ ވެސް ބަންދުކޮށް އިތުރަށް ފާސް ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ މީގެ 30 ވަރަކަށް މިނިޓު ކުރިން ފެންޓަސީ ސްޓޯރު ބަންދު ކުރީ "އޯޕަން ބޯޑު" އަޅުވައިގެން ކަސްޓަމަރުންނަށް ޚިދުމަތް ދެމުން ދަނިކޮށް ކަމަށެވެ.
"ކޮމިޔުނިޓީ ހެލްތު ސާވިސް އިން އެންގި އެންގުމަކަށް އެތަން ކުރިން ބަންދު ކޮށްފަ މިހުރީ. އެކަމަކު އަލުން ޚިދުމަތް ދޭން މިއަދު ފެށީ ހުއްދަ ލިބިގެނެއް ނޫން. އެހެންވެ ފުލުހުން މިއަދު އަނެއްކާ ވެސް އެތަން ބަންދު ކުރީ. މިހާރު ކަންތައް މިވާ ގޮތުން އަޅުގަނޑުމެންނަށް އެބަ ޖެހޭ އެތަނުގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ވަރަށް ބޮޑަށް އިތުރަށް ޗެކް ކުރަން. އެހެންވެ ބަންދުކޮށް އިތުރަށް ޗެކް ކުރަމުން މިދަނީ." ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެންޓަސީ ސްޓޯރު ބަންދު ކުރުމަށް ކޯޓު އަމުރަކަށް ފުލުހުން އެދުނު ނަމަވެސް މިއަދާ ހަމައަށް ވެސް ކޯޓު އަމުރު ލިބިފައި ނެތް ކަމަށެވެ.
ފުލުހުން މީގެ ކުރިން ވަނީ ފެންޓަސީ ސްޓޯރުގެ އިތުރުން އެތަނުގެ އޮފީސް އިމާރާތާއި ބޭކަރީ އަދި ގުދަން ވެސް ޗެކް ކޮށްފަ އެވެ. އަދި ގުދަނަކާއި ބޭކަރީ ވަނީ ބަންދު ކޮށްފަ އެވެ.