ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކަށް، އެމީހުންގެ ވިޔަފާރި ޕްރޮމޯޓު ކުރުމުގެ ފުރުސަތު ދޭ ކަމަށާއި ނަމަވެސް ގެސްޓްހައުސްތަކުން އެ ފުރުސަތުތަކުގެ ބޭނުންކުރާ މިންވަރު ކުޑަކަމަށް ރާއްޖެ އިޝްތިހާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

އެމްއެމްޕީއާރުސީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ބޭރުގައި އިޝްތިހާރު ކުރާއިރު، ހަމައެކަނި ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ބަދަލުގައި ގެސްޓުހައުސް ޓޫރިޒަމް ނުވަތަ ރަށު ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްވެސް އެ ކުންފުނިން މަސައްކަތް ކުރާކަމަށެވެ.

"މަތީފަންތީގެ ޓޫރިޒަމް ޕްރޮމޯޓުކުރަމުން، މެދުފަންތީގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަކީ ޗެލެންޖެއް. އެކަމަކު އަޅުގަނޑުމެން އެކަން ކުރަމުން މިދަނީ،" ތޮއްޔިބު ވިދާޅުވިއެވެ.

ކ. ދިއްފުށީގެ ގެސްޓްހައުސެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޮއްޔިބު އިތުރަށް ވިދާޅުވީ ރާއްޖެ ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީ އިން ބައިވެރިވާ ފެއާތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ގެސްޓްހައުސްތަކަށް ދޭ ކަމަށެވެ.

"ގެސްޓްހައުސްތަކަށް އަޅުގަނޑުމެންނަށް ވަރަށް ފުރުސަތު ދެވިއްޖެ. އަހަރު ފެށުނީއްސުރެ ވޯކްޝޮޕްތައްވެސް ހިންގީ ގެސްޓްހައުސްތަކަށް ފުރުސަތު ދިނުމަށް،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސްތަކަށް އެހީތެރިކަން ދީ ލޯކްލަ ޓޫރިޒަމް ޕްރޮމޯޓު ކުރުމަކީވެސް ސަރުކާރުގެ ވައުދެއް ކަމަށެވެ.

"ކޮންމެވެސް ސަބަބަކާ ހުރެ އެހާ ގިނަ ބައިވެރިންނަކަށް ވޯކްޝޮޕްތަކުގައި ބައިވެރިއެއްވެސް ނުވެވުނު. އެހެންނަމަވެސް އަޅުގަނޑުމެން ބެލީ ކޮންމެވެސް ގޮތަކަށް ގެސްޓްހައުސް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،" ތޮއްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީީއާރުސީ ގެ މެނޭޖިން ޑިރެކްޓަރު އޮއްޔިބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އޭނާ ވިދާޅުވީ ޓްރެވަލް ޓްރޭޑް ފެއާތަކުގައި ބައިވެރިވުމުގެ އަގު ބޮޑުކަމުން ފެއާތަކުގައި ބައިވެރިވުމަކީ ދަތިކަމެއްކަމަށް ބުނެ ގެސްޓްހައުސްތަކުން ޝަކުވާ ކުރި ކަމަށާއި އެ ޝަކުވާތަކާއެކު ގެސްޓްހައުސްތަކަށް ފުރުސަތު ދިނުމަށް، ގެސްޓްހައުސްތަކާ ގުޅުން ހުރި ފެއާތަކުގައި ގެސްޓްހައުސްތައް ހިލޭ ބައިވެރި ކުރުމަށް އެމްއެމްޕީއާރުސީ ބޯޑުން ނިންމި ކަމަށެވެ.

"އެ ފުރުސަތުގެ ބޭނުންކޮށްގެން އަދިވެސް ގެސްޓްހައުސްތަކުން ފެއާތަކުގައި ބައިވެރިވާލެއް މަދު،" ތޮއްޔިބު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ގެސްޓްހައުސްތަކަށް ރަނގަޅުގޮތްތަކަށް ވާނެ ކަމަށެވެ.