29 Aug 2019, 13:23
ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އޭގެއިން ތެރެއިން ބައެއް މީހުން މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހުންނާއި އިތުރު މީހެކެވެ. އެއް އާއިލާއެއްގެ ހަތަރު މީހުންނަކީ ދެމަފިރިންނާއި އެ މީހުންގެ ކާފަ ދަރިއެއް އަދި އެ ކުއްޖާގެ މަންމަ އެވެ.
އެ މީހުންގެ ހަށިގަނޑު މިހާރު ވަނީ ހަނިމާދޫ ހެލްތު ސެންޓަރަށް ގެންގޮސްފަ އެވެ. ސަލާމަތްވި މީހުން ވެސް ގެންދިޔައީ ހަނިމާދޫ ހެލްތު ސެންޓަރަށެވެ. އެ މީހުން ސެންޓަރަށް ގެންދިޔައިރު ވަރަށް ބޮޑަށް ލޮނުބޮވިފައިވީ ނަމަވެސް، އެ މީހުންނަށް ފަރުވާދީ އަންނަނީ އާންމު ހާލަތަކަށް ބަދަލުވަމުން ކަމަށް ވެސް ހެލްތު ސެންޓަރުން ބުންޏެވެ.

ބަންޑުން ޖަހާލި ލޯންޗް -- ފޮޓޯ/ އެމްއެންޑީއެފް
ލޯންޗު ބަންޑުން ޖަހާލައިގެން މަރުވީ ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު) އަދި އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ، 30، އަދި އޭނާގެ ތިން އަހަރަށް ދާ ދަރިފުޅެވެ. މަރުވި ފަސް ވަނަ މީހަކީ ރަށު ސްކޫލްގެ އެހެން ޓީޗަރެއްގެ އަންހެނުން އެވެ.

ލޯންޗް އެކްސިޑެންޓްގައި މަރުވި، ގުރައިޝާ އަބްދުﷲ 30އ.
އެމްއެންޑީއެފް އިން ބުނ،ީ ދެ ކުޑަކުދިންނާ އެކު 10 މީހުން ތިބި ލޯންޗް ބަންޑުން ޖަހާލީ ހަނިމާދޫ ހުޅަނގު ބޭރު ކަންމައްޗަށެވެ.
ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުން ދެވޭހާ ދުރުމިނުގައި އޮންނަ އެ ލޯންޗް ނޮޅިވަރަންފަރުން ހަނިމާދޫއަށް ފުރީ މިއަދު މެންދުރު 11:10 އެހާކަންހާއިރު އެވެ.
ހަނިމާދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އާންމުކޮށް ނޮޅިވަރަންފަރާއި ހަނިމާދުއާ ދެމެދު ދަތުރުކުރާ 23 ފޫޓްގެ އެ ލޯންޗް ބަންޑުން ޖަހާލަން މެދުވެރިވީ، ދެ ރަށުގެ ދޭތެރޭ އޮންނަ ކަނޑުއޮޅިން ވަންނަން އުޅުމުގެ ތެރޭގައި ނެގި ރާޅެއްގައި ލޯންޗު ޖެހިފަ އެވެ. ހުޅަނގުގެ ގަދައިގައި އާންމުކޮށް އެ ކަނޑުއޮޅި ބޭނުން ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ލޯންޗް އެކްސިޑެންޓްގައި މަރުވި، ނޮޅިވަރަންފަރު ސްކޫލްގެ އެންމެ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ، އުނިމާގެ (ބޮޑު ޓީޗަރު): އެ ހާދިސާގައި އޭނާގެ އަންހެނުންނާއި ހަމައެކަނި އަންހެން ދަރިފުޅު އަދި ކާފަ ދަރިފުޅުވެސް މަރުވި.
ލޯންޗު ބަންޑުން ޖަހާލުމުން އެ ލޯންޗު ދުއްވަން ހުރި ލޯންޗްގެ ވެރިމީހާ އާއި އިތުރު ދެ މީހަކު ފަތާފައި ހަނިމާދުއަށް އެރި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަން ރިޕޯޓް ކުރީ އެ މީހުންނެވެ. މީހުން ހޯދުމުގެ މަސައްކަތް ފެށުނީ އެ ހިސާބުން އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި، ލޯންޗު ބަންޑުން ޖަހާލީ ކޮޅިގަނޑެއްގައި ޖެހިފަ އެވެ. އަދި އެ ލޯންޗު ދަތުރު ކުރި ވަގުތު މެޓް އޮފީހުން އޮތީ ދަތުރު ކުރުމުގައި ސަމާލުވުމަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މިއަދު އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 20 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން އޮތީ ލަފާކޮށްފަ އެވެ. އަދި މެޓުން ލަފާކުރަބނީ ކޮޅިގަނޑުގައި އެއަށް ވުރެ ވެސް ވައިގަދަވާނެ ކަމަށެވެ.