29 Aug 2019, 12:57
ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިދިޔަ ސަރުކާރުގައި ވަނީ ގާނޫނާ ހިލާފަށް އެތައް ކަމެއް ކޮށްފައި ކަމަށާއި އެހެން ކަމުން އެ ކަމަނާ މަގާމުން ދުރުކުރުން މިހާރު ވެސް ލަސްވެއްޖެ ކަމަށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ، މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ބާރުތައް ނާޖާއިޒް ގޮތުގައި ބޭނުން ކޮށް ކުރީގެ ރައީސް ޔާމީން އަބްދުﷲ ބޭނުންފުޅުވާ ގޮތަށް ސިޔާސީ ފަރާތްތަކުގެ މައްޗަށް ގާނޫނާ ހިލާފު ހެކި އުފައްދަވައިގެން އެތައް ދައުވާއެއް ޕީޖީ ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެކަން ކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅައި އެކަން ކަމުގައި ބައިވެރިވި މުވައްޒަފުންނާއި ޕްރޮސިކުއުޓާ ޖެނަރަލްގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގްތައް ހިންގައި ޝަރީއަތުގެ ކުރިމައްޗަށް އެ ފަރާތްތައް އަޅުގަނޑުމެން ގެންނަން ޖެހޭ،" އީސާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ: އޭނާ ވަނީ ޕީޖީ ވީ އެންމެ އަވަހަށް ވަކި ކުރުމަށް ގޮވާލާފައި --- ފޮޓޯ/ މަޖިލިސް
އިންސާފު ގާއިމް ކުރާނަމަ ފާޅުގައި ފެންނަން ހުރި ގޯސްތައް ރަނގަޅުކުރަން ޖެހޭ ކަން އީސަ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ގޯސްތައް ރަނގަޅު ކުރުމުގައި ވަކި މީހެއްގެ ކަނދުރާއަށް ބަލައިގެން އިސްލާހު ނުގެނެވޭނެ ކަމަށެވެ. ޕީޖީގެ މައްޗަށް އެތަކެއް ތުހުމަތު ތަކެއް ކުރެވެމުންދާއިރު އެކަމަނާއަށް އެއްވެސް ފިޔަވަޅެއް ނޭޅި ލަސްވަމުން ދާތީ ރައްޔިތުން ސުވާލު އުފައްދާކަމަށް އީސަ ވިދާޅުވި އެވެ. އަދި އެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީ ވާން ޖެހޭ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ގޮވާލަން މި މަޖިލީހަށް. ވީ އެންމެ އަވަހަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ބޭފުޅާ އެ މަގާމުން ދުރުކޮށް، އަޅުގަނޑުމެން މިނިވަން ކަމާއި އެކު އެ މުއައްސަސާ ހިންގަވައިދޭނެ އިހްލާސްތެރި ތެދެވެރިއަކު އެ މުއައްސަސާގެ މައްޗަށް މަތިކުރުން. މި މަޖިލީހުން ވީ އެންމެ އަވަހަކަށް އެ މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން،" އަހްމަދު އީސާ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ޕީޖީ އަމަލުކޮށްފައިވާ ގޮތުން މައުސޫމް އެތައް މީހަކު ކުށްވެރިންގެ ގޮތުގައި ކަނޑައަޅައި ހުރަގެއަށް ދާން ޖެހުނު ކަން ފުނަދޫ ދާއިރާގެ މެންބަރު ޝާހިދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ގެއްލުން ލިބުނީ ހަމަ އެކަނި 'ކުށްވެރިކުރުވި' މީހާއަށް ނޫން ކަމަށާއި އެ ފަރާތްތަކުގެ މުޅި އާއިލާ ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

ޕީޖީ އައިޝަތު ބިޝާމް އެ މަގާމުގެ ހުވާ އޭރުގެ ރައީސް އަބްދުﷲ ޔާމީން ކުރިފުޅު މަތީގައި ކުރައްވަނީ -
"ޕްރޮސިކިއުޓާ ޖެނަރަލް ހަމަ ޔާމީން ވިދާޅުވާހާ ގޮތަކަށް ކަންތައް ކުރެއްވީ. ހަމަ އެ ޕްރޮސިކިއުޓާ ޖެނަރަލް މިހާރުގެ ރައިސުލްޖުމްހޫރިއްޔާ ވަޑައިގަތީމަވެސް މި ހުންނަވަނީ. މި ދެން އަޖައިބެއް ކަހަލަ ވާހަކައެއް،" ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވި އެވެ.
ވެތުވެ ދިޔަ އަހަރުތަކުގައި ޕީޖީގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންގެ ކުރިމަތީގައި އެކަމަނާގެ ގަދަރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވިދާޅުވި އެވެ. އަދި ދެން އަންނަ ޕީޖީ އަކު ވެސް އެ މަގުން ކަން ނުކުރެއްވުމަށް ޔޫނުސް ވަނީ ގޮވާލައްވާފަ އެވެ.
ކުރަން ޖެހޭ ދައުވާތައް ލަސްވުމަކީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން ވަނީ ފާހަގަ ކުރައްވާފަ އެވެ. މައްސަލަތައް ނުނިމި ދިގުލައިގެންދާ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށް ހާރޫން ވިދާޅުވި އެވެ. އަދި ޕީޖީ މިހާރަށް ވުރެން ޒިންމާދާރު ވެއްޖެ ނަމަ އެކަމަށް ހައްލު ލިބިގެން ދާނެ ކަމަށް ހާރޫން ވިދާޅުވި އެވެ.