07 Nov 2011, 09:53
މައްކަތުލްމުކައްރަމާ (ނޮވެމްބަރ 7) : މައްކާގެ މުޤައްދަސް ބިންތަކުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަމުން ގެންދާ ޙައްޖުވެރިން ޙައްޖުގެ އެންމެ މުހިއްމު ރުކުންތައް އަދާކޮށް ނިންމާފައިވާ ކަމަށާއި މިހާރު ޙައްޖުވެރިން އަދާކުރަމުން ގެންދަނީ ޖަމްރާތަކަށް ހިލައުކުމާއި ސަފާމަރްވާގައި ސަޢްޔު ކުރުމާއި ތަވާފުލް އިފާޟާ ކުރުންފަދަ ކަންތައް ކަމަށް ސަޢޫދީ އަރަބިޔާއިން ބުނެފިއެވެ.
ސަޢޫދީ ނޫސްއެޖެންސީ ބުނިގޮތުގައި ތިން މިލިޔަނެއްހާ ޙައްޖުވެރިންގެ ތެރެއިން ގިނަބަޔަކު މިހާރު ގެންދަނީ ޖަމްރާތަކަށް ހިލައުކަމުންނެވެ. އަދި ހައްޖުގެ އަޅުކަން އަވަހަށް ނިންމާލަން ބޭނުންވާ ޙައްޖުވެރިން ގެންދަނީ ބޯބޭލުމާއި ބޯކޮށުމުގެ ކަންތައް ނިންމުމަށްފަހު އައްތަޙައްލުލުލްއަސްޣަރު ނުވަތަ އިޙްރާމް މޮހުމުގެ ފުރަތަމަ މަރްޙަލާ ނިންމައި މައްކާއަށްގޮސް ގެފުޅުގެ ކައިރީގައި ތަވާފުލްއިފާޟާ ކުރުމުގެ ކަންތައް ފުރިހަމަ ކުރަމުންނެވެ.
ހައްޖުގެ އަޅުކަން ދިގުކޮށް ނިންމާލަން ބޭނުންވާ މީހުން އިޙްރާމް ނުމޮހެ އައްޔާމުއްތަޝްރީޤްގެ ތިންދުވަސް މިނާގައި ހޭދަކުރާނެއެވެ. މިކަމަށްޓަކައި އެމީހުން ވަނީ މިނާއަށް ގޮސްފައެވެ. ހައްޖުގެ އަޅުކަން އެންމެފުރިހަމަ ގޮތުގައި ނިންމާލަން ބޭނުންވާ މީހުން އަލްތަހައްލުލުލްއަކްބަރު ނުވަތަ އެއްކޮށް އިޙްރާމް މޮހެލައި ޙައްޖުގެ އަޅުކަން ނިންމާލާނީ އައްޔާމުއްތަޝްރީޤްގެ ތިންދުވަހަށްފަހުގައެވެ. އެމީހުންވެސް ޙައްޖު ނިންމާލާނީ ގެފުޅުގެ ކައިރީގައި ތަވާފުލްއިފާޟާ ފުރިހަމަ ކުރުމުންނެވެ. -- އަލްޖަޒީރާ