29 Aug 2019, 11:52
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން އިލްތިމާސް ކޮށްފިއެވެ.
ޑިޒާސްޓާ މެނޭޖުމެންޓުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ގަޑިއަކު 45-50 މޭލަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވާތީ، ފެންބޮޑުވެ ވައިގަދަވުމުގެ ސަބަބުން ގޯތި ގެދޮރަށާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ، ގެއަށް ފެން ނުވަންނާނެ ފަދައިން ވެލިބަސްތާ ޖަހައި ހެދުމަށާއި ފެންބޮޑުވެއްޖެ ނަމަ، ގެއްލުންވާނެ މުދާ ފެންނުޖެހޭނެހެން އުސް ތަންތަނަށް ލުމަށް ވެސް ޑިޒާސްޓާ މެނޭޖުމެންޓުން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ވައިގަދަވެ، ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ، ވާ ޖަހައި، ފުރާޅު އެއްލާނުލާނެހެން ހައްޔަރު ކުރުމަށާއި ގަދަވައިގެ ސަބަބުން އެއްލާލަފާނެ އެއްޗެއް ހުރިނަމަ ރަނގަޅަށް ހައްޔަރު ކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ކަރަންޓު ބޭނުންކުރާ ތަކެތި ބޭނުން ނުކުރާނަމަ ނިއްވާލާފައި ބެހެއްޓުމަށްވެސް ޑިޒާސްޓާ މެނޭޖުމެންޓުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ޑިޒާސްޓާ މެނޭޖުމެންޓުން އިލްތިމާސް ކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް އަދި ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓު ނެރެފައެވެ.