ޔޫއޭއީގެ މަދަދާއެކު ޔަމަނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ "އިންތިގާލީ މަޖިލިސް" ހަނގުރާމަވެރީންގެ މައްޗަށް ރައީސް އަބްދުރައްބު މަންސޫރު ހާދީއަށް ވަފާތެރި ސިފައިން މިހަފްތާގައި މިވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އަވަސްގޮތަކަށް ހޯދި މި ކާމިޔާބީގެ ފަހަތުގައިވަނީ ސައޫދީ އަރަބިޔާ ކަމީ ކަށަވަރު ކަމެކެވެ.

ޔޫއޭއީގެ އަސްކަރީ އެހީތެރިކަން ލިބިގެން އެގައުމުގެ ކުލީ ސިފައިންގެ ގޮތުގައި ޔަމަނުގައި ހަރަކާތްތެރިވާ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިންނަކީ ޔަމަން ބައިބައިކޮށް ޔަމަނުގެ ދެކުނުގައި ވަކި ދައުލަތެއް އުފައްދަން މަސައްކަތްކުރާ ޖަމާއަތެކެވެ. އެޖަމާއަތުން މީގެ 17 ވަރަކަށް ދުވަސް ކުރީން އަތްދަށުލި ޔަމަނުގެ ދެކުނުގެ ސަރަހައްދުތައް މިނިވަންކުރުމަށް ހާދީގެ ސަރުކާރުން ފެށި އަސްކަރީ އޮޕަރޭޝަންގައި ހާދީއަށް ވަފާތެރި ސިފައިން މިހާރުވަނީ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން ވެރިވެގެންފައިވާ އަދަން އާއި އެސިޓީގެ އެއާޕޯޓާއި ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ އިމާރާތްތައް ވަރަށް ފަސޭހަ ގޮތެއްގައި އަލުން އަނބުރައި ހާދީގެ ސަރުކާރުގެ ބާރުގެ ދަށަށްގެނަސްފައެވެ.

މިއާއެކު ޔޫއޭއީގެ މަދަދުލިބޭ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރީން ގެ ސަފުތައް ރޫޅުމުގެ މަގުމަތީގައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. މުހައްލިލުން ވިދާޅުވާގޮތުގައި ހާދީގެ ސަރުކާރަށް މިހާ ފަސޭހައިން އަދި އަވަސްގޮތަކަށް މިކަން ކުރެވުނީ ސައޫދީން ޒަމާނީ ހަތިޔާރާއި ވަސީލަތްތައް ހާދީގެ ސިފައިންނަށް ފޯރުކޮށްދީ ސައޫދީގެ އަސްކަރީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. މިކަން ސައޫދީ ސަރުކާރުން ކުރީ ޔޫއޭއީ އާ ދެކޮޅަށް ސައޫދީން ކުރި އިއްލާން ނުކުރާ ހަނގުރާމައެއްގެ ސިފައިގައެވެ.

ޔޫއޭއީގެ ހަތިޔާރުގެ އެހީގައި ޔަމަނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން އަދަން ސިޓީ އެއްކޮށް ހިފައި ރައީސް ހާދީއަށް ވަފާތެރި ސިފައިންނާއި ހާދީގެ ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އެސިޓީން ބޭރުކޮށްލީ މީގެ 17 ދުވަސްކުރިންނެވެ. އަދަން ސިޓީ އަކީ ހާދީގެ ސަރުކާރުން ޔަމަންގެ ވަގުތީ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށެވެ. އަދަން ސިޓީގެ އިތުރުން ޔަމަންގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ "ގަރްނުލް ކްލާސީ" "ޝިބްވާ" އަދި " އަބްޔަން" ވެސް ޔޫއޭއީގެ ތާއީދު ލިބޭ ހަނގުރާމަވެރިން އެމީހުންގެ ބަރުގެ ދަށަށް ގެނައެވެ.

ޔޫއޭއީ ގެ މަދަދުލިބޭ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން ހިންގި މި އަމަލުތަކަކީ އީރާނުގެ ތާއީދު ލިބިފައިވާ ޔަމަންގެ ޙޫޘީ ޖަމާއަތުން 2014 ވަނައަހަރު ޔަމަނުގެ ވެރިރަށް ސަންޢާއަށް ވެރިވެގަނެ ސަންއާއިން ހާދީގެ ސަރުކާރު ބޭރުކޮށްލިގޮތަށް ހިންގިފަދަ އިންގިލާބީ އަމަލުތަކެއް ކަމަށް ސިފަކޮށް ހާދީގެ ސަރުކާރުން ޔޫޢޭއީ އަށް ވަރަށް ބޮޑަށް ފާޑުކިއެވެ. ނަމަވެސް ޔޫއޭއީން އެއީ މާބޮޑުކަމަކަށް ނުހެދިއެވެ. ހާދީގެ ސަރުކާރުގެ ކަންބޮޑުވުންތަކަށް ޔޫއޭއީ އަޅައެއް ނުލިއެވެ.

ޔޫއޭއީ އަކީ ހާދީގެ ވެރިކަން އަލުން އަނބުރައި ޔަމަނަށް ރުޖޫއަ ކުރުމަށް ޓަކައި ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ސައޫދީ އިސްވެ އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަންގައި ސައޫދީގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ނަމަވެސް މިފަހަކަށް އައިސް ފެންނަމުން ދިޔައީ ޔަމަންގައި ސައޫދީ އާއި ޔޫއޭއީގެ މަސްލަހަތު ވަރަށްބޮޑަށް ފުށުއަރައި ދެގައުމު ދެއަތަށް ހަރަކާތްތެރިވަމުންދާތަނެވެ. ޔޫއޭއީ ހާދީގެ ސަރުކާރާ ދެކޮޅަށް ކުލީ ސިފައިންނާއި ޔަމަންގެ ބާޣީންގެ އެހީތެރިކަމުގައި ހަރަކާތްތެރިވާއިރު ސައޫދީ އޮތީ އެއްޗެއް ނުބުނެ ހިމޭނުންނެވެ.

ސައޫދީ މިގޮތަށްކަންތައްކުރީ ޔޫއޭއީ އާ ދެކޮޅަށް ފާޅުގައި ތެދުވާންބޭނުންނުވާތީއާއި ޔޫއޭއީ އާއެކު ހަދާފައިވާ އަރަބި ކޯލިޝަން ރޫޅިގެން ދިޔުމުން ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. އަދަން އިން ހާދީގެ ސަރުކާރު ބޭރުކޮށްލައި އަދަންއާއި ޝިބްވާ އާއި އަބްޔަން ފަދަ ޔަމަންގެ ދެކުނާއި އިރުމަތީގެ ޕްރޮވިންސްތައް ޔޫއޭއީގެ މަދަދުލިބޭ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން ގެ އަތްދަށަށް ދިޔުމަކީ ސައޫދީގެ މަސްލަހަތާ ވަރަށް ބޮޑަށް ފުށުއަރާކަމެކެވެ.

ޚާއްސަކޮށް ސައޫދީ އާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ޔަމަންގެ ޝިބްވާ ޕްރޮވިންސް "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިންގެ އަތްދަށަށް ދިޔުމަކީ ސައޫދީ ގަބޫލުކުރާ ކަމެއްނޫނެވެ. ސަބަބަކީ ޝިބްވާ ޕްރޮވިންސަކީ ސައޫދީ އާއި ޔަމަންގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ މައްސަލަތައް ހުރި ޕްރޮވިންސަކަށްވުމެވެ. އެހެންކަމުން ސައޫދީން މަސައްކަތްކުރީ ޔޫއޭއީ އަށް ފާޑުނުކިޔައި މަޑުންއޮވެ ހާދީގެ ސަރުކާރަށް ޒަމާނީ ހަތިޔާރު ދީގެން އެ ސަރަހައްދުތައް އަލުން އަނބުރައި ހާދީގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތެވެ.

ސައޫދީގެ އަސްކަރީ އެހީތެރިކަމާއެކު ހާދީގެ ސަރުކާރުން މީގެ ދެހަފްތާކުރިން ވަނީ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން ވެރިވެގެންފައިވާ އަދަން އާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުތަކުން އެޖަމާއަތް ބޭރުކޮށް އެސަރަހައްދުތައް އަލުން ހާދީގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އަސްކަރީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ޔަމަން ހަލާކުވެ އެގައުމުގެ ރައްޔިތުން ހާލުގައިޖެހިފާ

މި އޮޕަރޭޝަންގެ ދަށުން ހާދީގެ ސަރުކާރުގެ ސިފައިން މީގެ ދެދުވަސްކުރިންވަނީ ޔަމަންގެ ދެކުނުގެ ސަރަހައްދުތައް ކަމަށްވާ "ގަރްނުލް ކްލާސީ" "ޝިބްވާ" އަދި " އަބްޔަން" ގައި "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިންގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދައި އެސަރަހައްދުތަކުން އެޖަމާއަތުގެ ހަނގުރާމަވެރިން ފައްސާލައި އެތަންތަން ހާދީގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލުން ގެނައުމުގައި ކާމިޔާބު ހޯދާފައެވެ. އަދި އިއްޔެވަނީ އަދަން އާއި އެސިޓީގެ އެއާޕޯޓާއި ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ އިމާރާތްތައްވެސް ވަރަށް ފަސޭހަ ގޮތެއްގައި އަލުން އަނބުރައި ހާދީގެ ސަރުކާރުގެ ބާރުގެ ދަށަށްގެނަސްފައެވެ.

ހާދީއަށް ވަފާތެރި ސިފައިންގެ މިކާމިޔާބީގެ ކުރިމަތީގައި ޔޫއޭއީގެ މަދަދުލިބޭ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިން އިނދަޖެހިފައިވާއިރު "އިންތިގާލީ މަޖިލިސް" ގެ ސަފުތައް ވަނީ ރޫޅުމުގެ މަގުމަތީގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު ހާދީގެ ކޮމާންޑަރުންވަނީ ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ޔޫއޭއީގެ މަދަދު ލިބޭ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިންނަށާއި ކޮމާންޑަރުންނަށް ގޮވާލާފައެވެ.

ހާދީ އަށް ވަފާތެރި ސިފައިން ޔޫއޭއީގެ ތާއީދުލިބޭ "އިންތިގާލީ މަޖިލިސް" ގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި ދެހަފްތާގެ ހަނގުރާމައިގާ ދެފަރާތުންވެސް އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވެފައިވާއިރު ސައޫދީ އާއި ޔޫއޭއީ ގުޅިގެން އަރަބި ކޯލިޝަނެއް ހަދައިގެން ހޫޘީންނާ ދެކޮޅަށް ފެށި ހަނގުރާމައިގާ މުޅި ޔަމަންވަނީ ހަލާކުވެ ސުންނާފަތިވެފައެވެ. ޔަމަންގެ 25 މިލިޔަން މީހުންގެ ތެރެއިން 18 މިލިޔަންމީހުންވަނީ ބަލިމަޑު ކަމާއި ހައިހޫނު ކަމުގެ ޝިކާރައަކަށްވެފައެވެ.