29 Aug 2019, 10:27
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓެގް އެޅުވުމަށް ފަހު ގެއަށް ބަދަލުކޮށްފި އެވެ.
"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ސުޕްރީމް ކޯޓްގެ އަމުރަކަށް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުންނެވި އަދީބު އަނބުރާ ގެއަށް ބަދަލު ކުރީ ރޭގެ ވަގުތެއްގަ އެވެ. އަދި އަދީބު ގެއަށް ދޫކޮށްފައި ހުރީ ފުލުހުން އޭނާ ފައިގައި ޓެގް އެޅުވުމަށް ފަހު ކަމަށް ވެސް ވަނީ ޔަގީން ކުރެވިފަ އެވެ.
ކަރެކްޝަންސްއިން ބުނީ ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބު މިހާރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައި ކަމަށެވެ. ކިހާ މުއްދަތަކަށް ކަމެއް ނޭނގެ އެވެ.
މިފަހުން އަދީބު ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާވެސް ދީފަ އެވެ.
އަދީބު ޝަރީއަތް ނިމެންދެން ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރީ އަދީބުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި މާބިންހުރާ ކިޔާ ރަށެއް ވިއްކާލުމަށް ފަހު ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އެވެ.
އަދީބުގެ މައްޗަށް ކޯޓްތަކުން އިއްވާފައިވާ ބޮޑެތި ހުކުމްތަކެއް ބާތިލްކޮށްފައި ވާތީ، އޭނާ މީގެ ކުރިން ހުންނެވީ މިނިވަންވެފަ އެވެ. އެހެން ނަމަވެސް، ފުރައިގެން ނުދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އޭނާ ވަނީ ފިލައިގެން ރާއްޖެއިން ގޮސްފަ އެވެ. އަދީބު އަތުލައިގަނެ ރާއްޖެ އާ ހަވާލުކުރީ، އިންޑިއާގެ ސޫތުކުޅި ބަނދަރު ސަރަހައްދުން އެވެ.
ކްރިމިނަލް ކޯޓްގައި މިހާރު ކުރިއަށްދާ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުވާ މަނީލޯންޑްރިންގެ މައްސަލައިގައި އަދީބު ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސް ދީފަ އެވެ. އަދި އެއްބަސްވުމެއްގެ ދަށުން، އަދީބު ގެންދަވަނީ މިފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން ފުލުސް އޮފީހަށް މައުލޫމާތު ދެމުން އެވެ.