07 Nov 2011, 09:48
މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކްކޮށްފައިވާ ތެޔޮ ލޮރީތައް ނަގަން މާލޭ ސިޓީ ކައުންސިލުން ފެށި މަސައްކަތުގައި މެރީޑިއަމްގެ ދެ ތެޔޮ ލޮރީއެއް ނަގާފައިވާތީ މާލޭ ސިޓީއާ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން މެރީޑިއަމް ސާވިސް ޕްރައިވެޓް ލިމިޓެޑުން ނިންމައިފި އެވެ.
މެރީޑިއާމްގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ގަވައިދާ ޚިލާފަށް ޕާކްކޮށްފައި އޮތަސް ކޯޓު މެދުވެރިކޮށް ނޫނީ މީހެއްގެ މުދަލެއް ނުނެގޭނެ ކަމަށާއި ކޯޓު މެދުވެރިކޮށް ސިޓީ ކައުންސިލުން އެކަން ކުރި ނަމަ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"މީހެއްގެ މުދަލެއް ނުނެގޭނެ އެގޮތަކަށް. ގަވައިދާ ޚިލާފަށް އޮތިއްޔާ ކޯޓަށް ދާންވީ. ގޮސްގެން އެކަން ކުރީމަ އެނިމުނީ. އީދު ބަންދު ނިމިގެން ކޯޓުތައް ހުޅުވޭއިރަށް މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް މައްސަލަ ވައްދާނަން،" ރިޔާޒް ވިދާޅުވިއެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަގު މަތީގައި ޕާކްކޮށްފައި ހުންނަ ތެޔޮ ލޮރީތައް ގަވައިދާ ޚިލާފަށް ބަހައްޓާފައި ހުރެގެން އެތަކެތި ނަގަން ކައުންސިލުން އުޅެނީ ސީދާ އޭނާއާ ދިމާކޮށްލުމުގެ ބޭނުމުގައެވެ.
"ކޮންމެވެސް ވާހަކަ ތަކެއް ދައްކައިގެން އެމީހުން އެއުޅެނީ ސީދާ އަޅުގަނޑާ ދިމާކޮށްލަން. މެރީޑިއަމް ޕެޓްރޯލް ޝެޑް ނަގަނ ްވެސް އުޅުނު. މެރީޑިއަމްގެ ތެޔޮ ލޮރީތައް ނަގަންވެގެން ކުރަން ފެށި ކަމެއް މިހާރު ޖައްސައިގެން އެއުޅެނީ." ރިޔާޒް ވިދާޅުވ ިއެވެ.
މާލޭގެ މަގުތައް މަތީގައި ގަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ ތެޔޮ ލޮރީތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާފައި ވަނީ އިއްޔެއެވެ. ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ހޯދައިގެން ސިޓީ ކައުންސިލުން ފެށި މިމަސައްކަތް މިއަދުވެސް ކުރިޔަށް ދާނެ ކަމަށް ކައުންސިލް އިދާރާއިން ވަނީ ބުނެފައެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ ކޮންމެ މީހެއްގެ ތެޔޮ ލޮރީއެއް ކަމުގައި ވިޔަސް ގަވައިދާ ޚިލާފަށް ބާއްވާފައިވާނަމަ ކައުންސިލުން ނަގާނެ ކަމަށެވެ. އެކަމަކު ހަމައެކަނި "ރިޔާޒް ރަޝީދުގެ" މުދާ ނަގަން ސިޓީ ކައުންސިލުން ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" އެހެން ކުންފުނި ތަކުގެ ލޮރީތައ ްވެސް އަޅުގަނޑުމެން ނެގިން. ހަމައެކަނި ރިޔާޒް ރަޝީދުގެ ލޮރީއެއް ނޫން ނެގީ. އަޅުގަނޑުމެން މިއުޅެނީ މިކަން ހަމައަކަށް އަޅުވަން. ރިޔާޒް ހީކުރައްވަނީ އަޅުގަނޑުމެން އޭނައަށް ލަނޑެއް ދޭން އުޅެނީ ކަމަށް. އެއްގޮތަކަށްވެސް އެހެނެއް ނޫން. ގަވައިދާ ޚިލާފަށް ބޮޑެތި ތެޔޮ ލޮރީތައް ހުރުމުން އެހެން މީހުންނަށް ވެސް ދަތިވާކަން އެނގެން ޖެހޭނެ." ފަލާޙް ވިދާޅުވިއެވެ.
ތެޔޮ ލޮރީތައް ގަވައިދާ ޚިލާފަށް މަގު މަތީގައި ބަހައްޓާފައި ހުރެގެން އެތަކެތި ނަގާފައިވާތީ އެމައްސަލައިގައި ބަޔަކު ކޯޓަށް ދިޔުމަކީ ސިޓީ ކައުންސިލުން ވެސް މަރުޙަބާ ކިޔާނެ ކަމެއް ކަމަށާއި އެކަމަކު ކޮންމެ ކަމެއްގެ ހައްލަކީ ކޯޓު ކަމަށް ނުހެދުމަށާއި މިކަމުގައި ކުންފުނި ތަކުންވެސް އެއްބާރުލުން ބޭނުން ކަމަށް ފަލާހު ވިދާޅުވި އެވެ.
މާލޭގެ މަގުތައް މަތީގައި ގަވައިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ތެޔޮލޮރީތައް ނަގަން މާލޭ ސިޓީ ކައުންސިލުން ފެށި މަސައްކަތުގެ ދަށުން ބަޔެއް ލޮރީތައް އިއްޔެ ނަގާފައިވާއިރު ތަޅު އަޅުވާފައިވެސް ބަޔެއް ލޮރީތައް އެބަހުއްޓެވެ.