28 Aug 2019, 23:02
އޮޅުވާލައިގެން ގަވައިދާ ހިލާފަށް އެއްގަމު އުޅަނދުތަކެއް އެތެރެކުރަން އުޅުނު މައްސަލާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިހުމާލުވެފައި ނުވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
އޮޅުވާލައިގެން، ގަވައިދާ ހިލާފަށް އެތެރެ ކުރަން އުޅުނު ކަމަށް ބެލެވޭ އެއްގަމު އުޅަނދުތަކެއް މިދިޔަ ހޮނިހިރު ދުވަހު ކަސްޓަމްސް އިން ވަނީ ހިފަހައްޓައިފަ އެވެ.
ގަވައިދާ ހިލާފަށް އެ ތަކެތި އެތެރެ ކުރާ ކަމުގެ މައުލޫމާތު ލިބިގެން ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 16 ސައިކަލު ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ބުނީ އެ އުޅަނދުތަކަކީ ލަކުޑި އެތެރެ ކުރަން ކަމަށް ބުނެ ގެނައި ދެ ކޮންޓެއިނަރެއްގައި ގެނައި އުޅަނދުތަކެއް ކަމަށެވެ.
އެކަމާ ގުޅިގެން ޕޯޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ކޮންޓެއިނަރަކީ މުދަލާ އެކު ކޮންޓެއިނަރު ހުރިގޮތަށް ކޮންސައިނީގެ ސައިޓަށް ގެންގޮސް ކޮންޓެއިނަރުން މުދާ ހުސްކުރުމަށް ހަމަޖެހިފައިވާ ދެ ކޮންޓެއިނަރު ކަމަށެވެ.
"މި ކޮންޓެއިނަރުތައް ދޫކުރުމުގައި މި ކުންފުނިން އަމަލުކޮށްފައި ވަނީ، މި ކުންފުނިން މުދާ ދޫކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށްފަހު އެވެ." ޕޯޓްސްގެ ބަޔާނުގައިވެ އެވެ.
ޕޯޓްސް އިން ބުނީ މިހާތަނަށް ބެލި ބެލުމުން މި މައްސަލާގައި އެ ކުންފުނީގެ އެއްވެސް އިހުމާލެއް ނެތް ކަމަށެވެ.
އަދި މައްސަލާގައި ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.