07 Nov 2011, 09:28
ރިޔާޒް (ނޮވެމްބަރ 7) : ސަޢޫދީ ދިފާޢީ ވަޒީރު ކަމުގެ މަޤާމަށް ޕްރިންސް ސަލްމާން ބިންޢަބްދުލްޢަޒީޒް ޢައްޔަން ކޮށްފިއެވެ. ޕްރިންސް ސަލްމާން ބިންޢަބްދުލްޢަޒީޒް މިހާތަނަށް ހުންނެވީ މައްކާގެ އަމީރު ކަމުގެ މަޤާމްގައެވެ. މައްކާގެ އަމީރު ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ ފްރިންސް ސިތާމް ބިންޢަބްދުލްޢަޒީޒެވެ. އޭނާ މިމަޤާމަށް ޢައްޔަން ކުރެއްވީ ވަޒީރުންގެ ފެންވަރުގައެވެ.
އުމުރުން 76 އަހަރުގެ ސަލްމާނަކީ ސައޫދީ ރަސްގެފާނު ޢަބްދުﷲ އާއި ވަލީއުލްޢަހްދު ނާއިފް ބިންޢަބްދުލްޢަޒީޒްގެ އެއްބަފާ ކޮށްކޯފުޅެކެވެ. އަދި މައްކާގެ އަމީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ފްރިންސް ސިތާމް ބިންޢަބްދުލްޢަޒީޒަކީވެސް ސައޫދީ ރަސްގެފާނާއި ވަލީއުލްޢަހްދުގެ އެއްބަފާ ކޮށްކޯފުޅެކެވެ. ސަޢުދީ ވަލީއުލްޢަހްދު އަވަހާރަވެއްޖެނަމަ އެމަޤާމް ދެން ލިބިވަޑައިގަންނަވާނީ ޕްރިންސް ސަލްމާނަށެވެ.
ޕްރިންސް ސަލްމާނަކީ ސަޢޫދީ އަރަބިޔާގެ ބާނީ އަދި ސައޫދީ ރަސްގެފާނު ޢަބްދުﷲ ގެ ބައްޕާފުޅު ޢަބްދުލްޢަޒީޒް އާލް ސުއޫދް ގެ ދުނިޔޭގައި މިހާރު ތިއްބެވި ފިރިހެން ބޭފުޅުންގެ ތެރެއިން 3 ވަނައަށް އެންމެ ދޮށީ ދަރިކަލުންނެވެ. ސަޢޫދީ ވެރިކަމުގެ އިސްމަޤާމްތަކަށް މިބަދަލުތައް ގެނައީ ވަލީއުލްޢަހްދު ކަމުގެ މަޤާމުގައި ކުރިން ހުންނެވި ޕްރިންސް ސުލްތާން ބިން ޢަބްދުލްޢަޒީޒް ދާދިފަހުން އަވަހާރަވުމާ ގުޅިގެންނެވެ. -- އަލްޖަޒީރާ