28 Aug 2019, 20:58
މިހާރު ރަށްރަށުގައި ބަހައްޓަމުންދާ ހައިޑްރޯޕޯނިކްސް ސިސްޓަމްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިލްތިމާސްކުރައްވައިފިއެވެ.
ބ. މާޅޮހުގައި މިއަދު ހައިޑްރޯޕޯނިކްސް ސިސްޓަމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހައިޑްރޯޕޯނިކްސް ސިސްޓަމް ބަހައްޓަން 11 ރަށަކުން އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ. އަދި މިއަހަރު އެ ޕްރޮގްރާމް މާޅޮހުގައި ހިންގަން ހޮވުމުން އެރަށުގެ ރައްޔިތުންނާއި ކައުންސިލްއަށް މިނިސްޓަރު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
މިނިސްޓަރު ވިދާޅުވީ މާޅޮހުގައި އިފްތިތާހް ކުރެވުނު ޕްރޮގްރާމަކީ ޕްރޮގްރާމަކީ ބިންކޮޅު ކުދި ރަށްރަށުގައި ގޭތެރޭގައިވާ ހުސްބިންކޮޅުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިއްޕަވައިގެން އާމްދަނީއެއް ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ.

ހައިޑްރޯޕޯނިކްސް ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް މިނިސްޓަރު ސެޓްފިކެޓް ހަވާލުކޮށްދެއްވަނި--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޒަހާ ވިދާޅުވީ އެ ޕްރޮގްރާމަށް ޕީއެސްއައިޕީ ޕްރޮޖެކްޓަކުން ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން މާޅޮހުގެ 10 ގެއެއްގައި ވަނީ ހައިޑްރޯޕޯނިކްސް ސިސްޓަމް ވަނީ ބަހައްޓައިފައެވެ.
" ކޮންމެ ސިސްޓަމަކަށް 36,999.19 ރުފިޔާ ވަނީ ޚަރަދުވެފައި. މިއީ ބޭކާރު ޚަރަދަކަށް ވިޔަ ނުދެއްވާ މިސިސްޓަމްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ސިސްޓަމްތައް ލިބިވަޑައިގެންނެވި ފަރާތްތަކަށް އަޅުގަނޑު އިލްތިމާސްކުރަން." ޒަހާ ވިދާޅުވިއެވެ.
އެ ސިސްޓަމްތައް މާޅޮހުގެ ގޭގޭގައި ބަހައްޓައިދީފައިވަނީ ހިލެއެވެ. އަދި އެ ސިސްޓަމްތަކަށް އަޅާ ގަހުކާނާތައްވެސް ހިލޭ މިނިސްޓްރީވަނީ ދީފައެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ އެ ސިސްޓަމްތައް ރަނގަޅަށް ބަލަހައްޓާނަމަ އެއް އަހަރު ދުވަހުގެ އަމިއްލަ ކުރެވޭނެ ކަމަށެވެ.