ބ. މާޅޮހުގައި ހައިޑްރޯޕޯނިކްސް ނިޒާމް ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހައިޑްރޯޕޯނިކްސް ނިޒާމް އިފްތިތާހް ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ގޯތި ތެރޭގައި އޮންނަ ހުސްބިންކޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށްގެން އެދެވޭ މަންފާއެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ދަނޑުބިމުގެ ގޮތުގައި ބޭނުންކުރާ މިންވަރަށް އެކަށީގެންވާ ބިން ލިބެން ނެތް ރަށްރަށަށް ހައިޑްރޮޕޯނިކްސްގައި ދަނޑުވެރިކަން ކުރުމުގެ ނިޒާމް ތަޢާރަފްކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެގޮތިން މިއަހަރު ހައިޑްރޯޕޯނިކްސް ޕްރޮގްރާމް ހިންގަން ހަމަޖައްސައިފައިވަނީ ބ. މާޅޮހުގައެވެ.

މިއަހަރު ހައިޑްރޮޕޯނިކްސް ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ބ. މާޅޮހުގައެވެ. މާޅޮހުގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު މިނިސްޓްރީން މިހާރު ވަނީ ޤާއިމްކޮށްދީފައެވެ. އަދި ހައިޑްރޮޕޯނިސްގައި ގަސްހެއްދުމުގެ ތަމްރީން ޕްރޮގްރާމެއް ބ. މާޅޮހުގައި ވަނީ ހިންގާ ދެވިފައެވެ. އެ ޕްރޮގްރާމްގައި ބައިވެރިވި 20 ބައިވެރިންނަށް މިނިސްޓަރު މިއަދު ވަނީ ސެޓްފިކެޓްވެސް ހަވާލުކޮށްދެއްވައިފައެވެ.

މިއަދު މާޅޮހުގައި ކުރިއަށް ދިޔަ ހަރަކާތްތަކުގައި ފިޝަރީޒް މިނިސްޓްރީއާއި އެރަށަށް ވަޑައިގެންނެވި މެހެމާނުން މިއަދު ވަނީ އެ ރަށުގައި ހައިޑްރޯޕޯނިކްސް ގާއިމްކޮށްފައިވާ ގޭގެތަކަށް ޒިޔާރަތްކޮށް ޕްރޮގްރާމްގެ ދަށުން އުފައްދާފައިވާ ބާވަތްތައް ފުރަތަމަ ފަހަރަށް ހާވެސްޓްކޮށްދެއްވާ ސިސްޓަމްތަކުގައި އަލުން ގަސް އިންދަވާދެއްވާފައެވެ.

ހައިޑްރޮޕޯނިކްސް ނިޒާމު ޤާއިމްކޮށްދީފައިވާ ކޮންމެ ގެއެއްގައި ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިޔުކަންބާ އަދި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ވަނީ ޤާއިމްކޮށްދީފައެވެ. ފަތްޕިލާވެލި އިންދުމަށް ޚާއްޞަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިޔުކަންބާއާއި މެލަން ހެއްދުމަށް ޚާއްޞަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެއެވެ.