29 Aug 2019, 08:31
"ކޯއްޗެއް ކާން ހުރީ؟" މިއީ އެންމެ އާންމުކޮށް އަހަރެމެންނަށް ގެއަށް ވަދެލެވޭ ގޮތަށް ކުރެވޭ ސުވާލެވެ. އެއީ ބަނޑުހައިވެފައި ހުންނަލެއް ބޮޑުކަމުންކަމަށްވެސް ވެދާނެ އެވެ. ކޮންމެއަކަސް، ގާތް ރަހުމަތްތެރިންނާއި، އާއިލާއާއެކު ކެއުމަކަށް އިންސާފުކޮށްލުމަކީ މިއީ އެ ގުޅުންތައް ވަރުގަދަކޮށްދިނުމުގައި ވަރަށް މުހިންމުކަމެކެވެ.
ނިކަން ވިސްނާލާށެވެ. އެންމެ ކުޑައިރުއްސުރެވެސް، އަހަރެމެންގެ ސްކޫލް ދައުރުގެ އެންމެ ފޮނި، މަޖާ ހަނދާންތައް ގުޅިފައި ހުންނާނީ އިންޓަވަލް ގަޑިއާ އެވެ. މައިލޯ ޕެކެޓާއި، ޖޫސީ ޕެކެޓްތަކާއި ހޮޓް ޑޯގްއާއި، އެކި ވައްތަރުތަކުގެ ކޭކުތަކާއި، ބިސްކޯދާއި މިއީ ގައިމުވެސް އިންޓަވަލް ގަޑީގައި އެންމެ އާންމުކޮށް ކައި އުޅުނު ބާވަތްތަކެވެ. އެއަށްފަހު އެކަކު ގެންނަ އެތި އަނެކަކަށް ދީ ބަދަލުކުރުމާއި، މަންމަ ލައްވާ އެންމެނަށްވާވަރަށް އިންޓަވަލް ތައްޔާރުކުރުންވެސް މިއީ ކޮށް އުޅުނު ކަންކަމެވެ.
އެއަށްފަހު ކޮލެޖް ދުވަސްވަރުވެސް، އެންމެ އިންތިޒާރު ކޮށްލެވޭ ވަގުތަކީ ލެކްޗަރާ ބްރޭކް ގަޑިއެއް ދެއްވާނެ ވަގުތެވެ. އެއީ އެންމެން އެއްކޮށް ކޮފީއެއްބޯލާ ނޫނީ ހެދިކާކޮޅެއް ކާލާ ސައްލާ ކޮށްލެވޭތީ އެވެ.
ދެން އެއަށްފަހު، ރަށްޓެހިންނާއި އެކީ ބާބަކިއު ހެދުމާއި، ގެއަށް ދައުވަތުދީ އެންމެން ކެއްކުމާއި، މިއީ އެންމެ މަޖާ ކަންކަމެވެ. މި ހުރިހާ ކަމަކުންވެސް އެގިގެންދަނީ ކެއުމާއި ގުޅިފައިވާ "ޕޮޒިޓިވް ވައިބްސް" އެވެ.
އެހެންކަމުން އާންމު ދިރިއުޅުމުގައިވެސް، ގާތް މީހުންނާ އެކީ އެއް ސުފުރާއަކުން ބައްދަލުވެލުން މިއީ ކުރުން މުހިންމުކަމެކެވެ.

ގިނަގިނައިން ގާތް އެކުވެރިންނާއި އާއިލާއާއި އެކީ ކެއުން ހިއްސާކުރަންޖެހޭ
މިގޮތުން ދެމަފިރިން ކަމުގައިވާނަމަ ކޮންމެ ދުވަހެއްގެވެސް މަދުވެގެން ކޮންމެވެސް އެއް ކެއުމެއް ގޭގައި ނުވަތަ އެކުގައި ކެއުމަކީ ލޯބި އިތުރުކޮށްދޭނޭ ކަމެކެވެ. ނުވަތަ އާއިލާއާއި އެކީގައި ކެއުން މުހިންމެވެ. ރަހުމަތްތެރިންނަމަ ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެމަހުން އެއްމަހު ނަމަވެސް ހާޢްސަ ބައްދަލުވުމެއް ކެއުމަކާއި އެކީ ކުރިއަށްގެންދިއުން ވަރަށް ރަނގަޅުވާނެ އެވެ.
މިފަދަ ވަގުތެއްގައި، އެންމެނަށްވެސް ކެވޭނެ ކަހަލަ އެއްޗެއް ބަހައްޓަންވާނެއެވެ. މާ ކުޅިކޮށް ކާއެއްޗެހި ތައްޔާރު ކުރުމާއި، މީހަކު އެލާޖިކްވާ ނުވަތަ އެއްގޮތަކަށްވެސް ނުކައި ވައްތަރެއްގެ އެއްޗެއްހިމެނުމަކީ އެހާ ބުއްދިވެރި ކަމެއް ނޫނެވެ.
ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ، މިފަދައިން ކެއުން ހިއްސާކުރާ ވަގުތަކީ، ކުރިން ދައްކަން ބޭނުންވެފައި އަދި ނުދެއްކި ހުންނަ މުހިންމު ވާހަކަތައް އެކަކު އަނެކަކާ ހިއްސާކުރަންވެސް ރަނގަޅު ދަނޑިވަޅެކެވެ. ސިކުނޑި ހަމަޖެހިލާ، އުފާވެރި ވަގުތުކޮޅަކަށްވުމުން ރުޅިއައުމުގެ ޗާންސް ވަރަށް ކުޑަވާނެ އެވެ.
އެހެންކަމުން، ދެން ފަހަރަކު މާބޮޑަށް ގުޅުމެއް ނުތަނަވަސްވެ ދުރުވާހެން ހީވާނަމަ އަވަހަށް ކެއުމެއް ރާވާލާށެވެ. ލޯބި އިތުރުވާނެ އެވެ.