ދިވެހިރާއްޖޭގައި ބަޔަކު ވަޒަންވެރިވިތާ 2500 އަށް ވުރެ ގިނަ އަހަރު ވަނީ ވެފައެވެ. ވަރަށް ކުރީއްސުރެ ދިވެހިރާއްޖޭގައި ހަރުދަނާ ވެރިކަމެއް ކުރެވެމުން އައި ކަން މި ރާއްޖެއަށް ޒިޔާރަތް ކުރި ބޭރުގެ މުއައްރިހުންގެ ލިޔުންތަކުން އެނގެއެވެ. ހަމަ އެހެންމެ ގަދީމީ ޒަމާނުގައި އެންމެ ނަން ހިނގައިފައިވާ ރަސްރަސްކަލުންނަށް ދިވެހިރާއްޖެއިން ވެދުމާއި ހަދިޔާ ފޮނުވައިފައިވާކަން އެތަންތަނުގެ ތާރީހީ ލިޔުންތަކުން ފެންނަން އެބަ ހުށްޓެވެ. މި ގޮތުން މީލާދީން 362 ވަނަ އަހަރު ރޫމީންގެ ރަސްގެފާނު ޖޫލިޔަން އަރިހަށް ވެދުން ހިފައިގެން ގުސްތަންތީނިއްޔާއަށް (މިހާރުގެ ތުރުކީގެ އިސްތަންބޫލަށް) ދިވެހީން ދިޔަކަން ރޫމީންގެ ލިޔުންތެރިއެއް ކަމުގައިވާ އަމިޔާނުސް މަރުސެލީނޫސްގެ ލިޔުންތަކުން އެނގެއެވެ. ޖޫލިޔަން ރަސްގެފާނަކީ އިރުމަތީ ރޫމީންގެ ވެރިރަށުގެ ގޮތުގައި އޮތް ގުސްތަންތީނިއްޔާ (އިސްތަންބޫލް) އަށް އުފަންވެ ވަޑައިގަތް ބޭފުޅެކެވެ. މީލާދީން 658 ވަނަ އަހަރާއި 662 ވަނަ އަހަރު ދިވެހީންގެ ޝްރީ ބާލާދީއްތިޔަ ރަސްގެފާނު، ސީނުކަރައިގެ ރަސްގެފާނު އަރިހަށް ލީވޫ (ނުވަތަ އެއް ރަސްކަލަކު އަނެއް ރަސްކަލަކަށް ފޮނުއްވާ ހަދިޔާ) ފޮނުއްވިކަން ސީނުކަރައިގެ ޓޭންގް ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރުގެ އާސާރީ ލިޔުންތަކުން ފެނިފައިވެއެވެ. މިއީ ދިވެހީންގެ ތެރޭގައި ވަރަށް ކުރީއްސުރެ ހިނގަމުން އައި ހަރުދަނާ ރަސްކަމެއް އޮތްކަން ސާބިތުކޮށްދޭ ކަމެކެވެ. އީސާއީ މީލާދުގެ ކުރީން މި ރާއްޖޭގައި ރަސްކަމެއް ގާއިމުވެއްޖެކަން ދިވެހީންގެ ތެރޭގައި ދޫދޫ މަތިން ކިޔެމުން ވާރިދުވަމުން އައިސްފައި ހުރި ވާހަކަތަކުން ވެސް އެނގެއެވެ.

ތާރީހުން އެނގޭ ގޮތުގައި ދިވެހިރާއްޖޭގައި ރަސްކަމެއްގެ ބިންގާ އަޅުއްވައި، އެންމެ ފުރަތަމައަށް ރަސްކަން ކުރެއްވީ ކަޅިންގާ (މިހާރުގެ އިންޑިޔާގެ އޮރިއްސާ) ގެ އިރުވަންހަޔަށް ނިސްބަތްވެ ވަޑައިގަންނަވާ ރަސްގެފާނު ބްރަހަމާދީއްތިޔަ ނުވަތަ ބްރަހްމާދައްތަގެ ދަރިކަލުން ޝްރީ ސޫރުދަ ސަރުނަ އާދީއްތިޔަ، މި ރަސްގެފާނެވެ. ކަޅިންގާގެ ރަސްގެފާނު ބްރަހްމާދައްތައަކީ ބޫދިއްޔަތަށް ތަބާވެ ވަޑައިގަތް ރަސްކަލެކެވެ.

އެހެން ކަމުން ދިވެހިރާއްޖެއަށް ބުދު ދީން ތައާރަފުވީ ދިވެހިރާއްޖޭގެ ފުރަތަމަ ރަދުންގެ ފަރާތްޕުޅުން ކަމަށް ގަބޫލުކުރެވެއެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖެއަށް ބޫދިއްޔަތު އައުމުގެ ކުރީން، މި ރާއްޖޭގައި ހިންދޫ ދީނަަށް ތަބާވާ ބަޔަކު ތިބިކަން އާސާރީ ހެކިތަކުން ސާބިތުވާތީ، ބޫދިއްޔަތަށް ތަބާވާ ރަސްމަތިފުށުގެ މި ބޭފުޅުން ދިވެހިރާއްޖެއަށް ވަޑައިގަތުމުގެ ކުރީގައި ވެސް ދިވެހިރާއްޖޭގައި ބަޔަކު ވަޒަންވެރިވެ ތިބިކަން ޔަގީން ކުރެވެއެވެ.
އަދި އެމީހުންގެ ތެރޭގައި، ވެށީގައި ހިމެނޭ ތަފާތު އުންސުރުތަކަށް އަޅުކަން ކުރާ މީހުން ތިބި ކަމާއި، އެމީހުންގެ ވެރީންގެ ގޮތުގައި ތިބީ ދީނީ ގޮތުން އިސްކޮށް ތިބި ފަރާތްތައްކަން ވެސް އެނގެއެވެ.

ބޫދިއްޔަތުގެ ލިޔުންތަކުގައި ވެސް ރަސްގެފާނު ބްރަހްމާދައްތަގެ ނަންފުޅު އައިސްފައިވެއެވެ. ބޫދިއްޔަތު އެ ބޭފުޅަކަށް ނިސްބަތް ކުރެވޭ ގޯތަމާ ބުއްދާ އަވަހާރަވީ އިރު ކަޅިންގާގެ ވެރިކަމުގައި ހުންނެވީ ބްރަހްމާދައްތަ ރަސްގެފާނެވެ. އެހެންކަމުން އެ ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު ވާނީ ބީސީން 488 ވަނަ އަހަރާއި ބީސީން 395 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރަކަށެވެ.

ސިލޯނުގައި ހުރި، ބޫދިއްޔަތުގެ ތާރީހީ ލިޔުންތަކުގައި ވާ ގޮތުން ބުއްދާ އަވަހާރަވުމުން، އޭނާ (ގެ ހަށިގަނޑު އަންދައިލެވުނީ ނުވަތަ) ޝަބަދާހު ކުރެވުނީ (މިހާރުގެ އުއްތަރަޕްރަދޭޝްގެ ރަށެއް ކަމުގައިވާ) ކުޝީނަގަރުގައި، ކެލާ ލަކުޑީގެ ހިތާމެއް (ޗިތާއެއް) ގައެވެ. ކޭހމާ ނަމަކަށް ކިޔާ ބޫދީ އަރަހަންތަކު މިތަނުން ބުއްދާގެ ދަތެއް ނެގި ކަމަށާއި އަދި އެ ދަތް ކަޅިންގާގެ ރަސްގެފާނު ބްރަހްމާދައްތައަށް ވެދުމަށް އެރުވިކަމަށް މި ލިޔުންތަކުގައިވެއެވެ. ލިޔުމުގައިވާ ގޮތުން މި ދަތް ރައްކާ ކުރެވިފައި އޮތީ އޮރިއްސާގެ ޕޫރީއޭ ކިޔޭ ރަށުގައެވެ. މި ދަތް އެމީހެއްގެ އަތުގައި ވާ މީހާއަކީ ރަސްކަން ހައްގުވާ މީހާކަމަށް ގަބޫލު ކުރެވެން ފެށުމުގެ ނަތީޖާއެއްގެ ގޮތުން މި ދަތާ ހެދި ވަރަށް ގިނަ ހަނގުރާމަ ކުރެވިފައިވެއެވެ. މީލާދީން 4 ވަނަ ގަރުނުގައި މި ދަތް އޭރުގައި ކަޅިންގާގެ ރަސްކަލަކަށް ހުންނެވި ގުހަސީވާއަށް ލިބިވަޑައިގަތެވެ. ޕާންދު ރަސްގެފާނަށް މި ދަތުގެ ހަބަރު ލިބިވަޑައިގެން މި ދަތް ހޯއްދަވައި ނައްތާލެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް ފަހުން އެ ރަސްގެފާނު ވެސް ބޫދިއްޔަތަށް ތަބާވެ ވަޑައިގަތީއެވެ. ރަސްގެފާނު ގުހަސީވާ ފަހުން މި ދަތް ދެއްވީ އޭނާގެ ދަރިކަނބަލުން ހެމާމަލަ އާއި އެކަމަނާގެ ފިރިކަލުން އަމީރު ދަންތާގެ އަތްޕުޅަށެވެ. މީލާދީން 4 ވަނަ ގަރުނުގައި ސިލޯނުގައި ރަސްކަންކުރެއްވި ކީރްތި ސްރީ މޭގަހވަރްނަގެ ރަސްކަމުގައި މި ދެބޭފުޅުން އެ ދަތް ހިއްޕަވައިގެން ވަޑައިގަތީ ސިލޯނަށެވެ. މިހާރު އެ ދަތް އޮންނަނީ ސިލޯނުގެ ކެންޑީގައި ހުންނަ ޓެންޕަލް އޮފް ދަ ޓޫއްތް ނުވަތަ "ދަތު ފައްޅީ" ގައެވެ.

ގަދީމީ ޒަމާނުގައި ކަޅިންގާގެ މީހުންނަކީ ދަތުރުފަތުރަށް ވަރަށް ވެސް ކުޅަދާނަ ބައެކެވެ. މުޅި ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާއަށް ބޫދިއްޔަތު ފެތުރިފައި ވަނީ ވެސް ކަޅިންގާއިންނެވެ. އެއީ ބީސީން 261 ގައި މައުރިޔާ ރަސްގެފާނު އަޝޯކާ ކުރެއްވި ވަރުގަދަ ހަނގުރާމައިގައި ކަޅިންގާ ހިއްޕެވުމަށް ފަހު، އެ ރަދުންގެ ހިތްޕުޅު ސުލްހައަށް ލެނބި، ހަނގުރާމަ ހުއްޓާލުމަށް ފަހުގައި ބޫދިއްޔަތު އިހުތިޔާރު ކުރައްވައި އެ ފަލްސަފާ ފަތުރުއްވަން ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.

މީލާދީން ފުރަތަމަ ގަރުނަށް ބަލާއިރު ކަޅިންގާ ވެފައިވަނީ ކަނޑުގެ ވަރުގަދަ ބާރަކަށެވެ. އެމީހުން ވަނީ މީލާދީން 8 ވަނަ ގަރުނުގައި (މިހާރުގެ އިންޑޮނޭޝިޔާގެ) ޖާވާގައި އެމީހުންގެ ރަސްކަމެއް ގާއިމުކޮށްފައެވެ.

މީލާދީން 10 ވަނަ ގަރުނާ ހިސާބުން ފެށިގެން ކަޅިންގާގައި އޮތީ ސޯމަ ވަންޝަ (ހަނދު ވަންހަ) އިގެ ވެރިކަމެވެ. މި ދުވަސްވަރަކީ ދިވެހިރާއްޖޭގައި ވެސް ހަނދުވަންހައިގެ ވެރިކަން ފެށުނު ދުވަސްވަރެވެ. އިރުވަންހަ އާއި ހަނދުވަންހައިގެ ރަސްކަން ވެސް ދިވެހިރާއްޖެއަށް އައީ ކަޅިންގާއިން ކަމަށް ތާރީހުން ފެނެއެވެ. ދިވެހިރާއްޖޭގެ ހަނދު ވަންހައިގެ ފުރަތަމަ ރަސްގެފާނުގެ ނަންފުޅަކީ ޝްރީ ބާލާދީއްތިޔަ ކަމަށް ތާރީހުން ފެނެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނު ސޫރުދަ ސަަރުނަ އާދީއްތިޔައަށް މިރާއްޖެއަށް ވަޑައިގެންނެވުނީ، އެ މަނިކުފާނުގެ ބައްޕާފުޅު ކޮންމެވެސް ކަމަކާ ކޯފާވެގެން ނަވެއްގައި ފޮނުވައިލެއްވީމަ ކަމަށް ބުނެވެއެވެ.

ސިލޯނުގެ ތާރީހީ ލިޔުމެއް ކަމުގައިވާ "މަހަވަންސާ" ގައި ވާ ގޮތުން، އީސާއީ މީލާދުގެ 500 އަހަރު ކުރީން، އިންޑިޔާގެ ރަށެއް ކަމުގައިވާ ސިންހާޕޫރާއިން ސިލޯނަށާއި ދިވެހިރާއްޖެއަށް މީހުން އައެވެ. މިއީ ވެސް އަމިއްލަ ރަށުން ނުކުމެ ވަޑައިގެން ނަވެއްގައި ދަތުރު ކުރައްވާފައި ވަޑައިގެންނެވި ރަސްދަރިކަލަކާއި އެމަނިކުފާނު އަރިހުގައި އައި މީހުންނެވެ. މީގެ ތެރެއިން އެއް ބަޔަކަށް ސިލޯނަށް ދެވުނު އިރު އަނެއް ބަޔަށް އާދެވުނީ ދިވެހިރާއްޖެއަށް ކަމަށް ސިލޯނުގެ މި ތާރީހީ ލިޔުމުގައި ބަޔާން ކޮށްފައިވެއެވެ. "މަހަވަންސާ" ގައިވާ މި ވާހަކަ، އިޝާރާތް ކުރަނީ ސިލޯނަށް ސިންގަޅަ ދަރިކޮޅުގެ މީހުން އައި ގޮތަށާއި، އެމީހުންގެ ތާރީހަށެވެ.

ރާއްޖޭގެ ގަދީމީ ލިޔުންތަކުގެ ތެރެއިން އިސްދޫ ލޯމާފާނަށް ބަލާއިރު، ދިވެހިރާއްޖޭގެ ވަރަށް ކުރީގެ ރަސްކަލެއްގެ ގޮތުގައި "ދަސަ ރަދުން" ނަމަކަށް ކިޔާ ބޭފުޅަކު ފާހަގަ ކޮށްފައިވާ ކަމަށާއި، މިއީ ވެސް ސޫރުދަސަރުނަ ރަދުންނަށް ދިވެހިން ކިޔައި އުޅުނު ނަންފުޅަކަށް ވުމަކީ އެކަށީގެންވާ ކަމަށް ނަސީމާ މުޙައްމަދު ލިޔުއްވައިފައިވެއެވެ.

ހަމަ އެހެންމެ ދިވެހި ތާރީހުގައި ކިޔޭ ކޮއިމަލާ ވާހަކައަކީ ވެސް މި ދުވަސްވަރަށް އިޝާރަތް ކުރާ ވާހަކައަކަށް ވެދާނެއެވެ. ކޮއިމަލާ ވާހަކަ ކިޔޭ ގޮތްތަކުގެ ތެރެއިން ތިން ގޮތެއް މި ހާދިސާއާ ވަރަށް އެއް ގޮތެވެ. މި ގޮތުން:

1. "މި ޝާހީ ޖޯޑަކީ އިންޑިޔާގެ ރަސްކަލެއްގެ ދަރިކަލަކާއި އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. މި ރަސްފުތް މަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު ދެކެ ކޯފާވެގެން އެ މަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި 700 އަޅުން ދެ ނަވަށް ލައްވާފައި ފުރުވައިލެއްވީއެވެ. ދެން މި ބޭފުޅުންނަށް ވަޑައިގެންނެވުނީ ދިވެހިރާއްޖޭގެ ރަސްގެތީމަށެވެ. ދެން އޭގެ ފަހުން އެ ދެބޭފުޅުން މާލެއަށް ވަޑައިގަތެވެ. އަދި ކޮއިމަލާ ލިބިވަޑައިގަތެވެ."

2. "ކޮއިމަލާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަތް އިރު ވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅުނެވެ. އެކަމަނާއަކީ ޝާހީ ދަރިކޮޅަކުން ވަޑައިގަތް ބޭފުޅަކަށް ވާތީ މީހުން އެބޭފުޅުންގެ ގާތުގައި ވެރިކަމަށް އިސްވުމަށް ދެންނެވިއެވެ."

3. "އިންޑިޔާގެ ރަސްގެފާނަކީ ޝިކާރަކުރެއްވުމަށް ލޯބި ކުރައްވާ ރަސްކަލެކެވެ. އެއް ދުވަހަކު މިރަދުން ޝިކާރައަށް ނުކުމެ ވަޑައިގެން އުޅުއްވަނިކޮށް އިންސާނަކާ ވައްތަރު، އެހެން ނަމަވެސް ހަތަރެސްފައި ޖަހައިގެން އުޅޭ މަހުލޫގެއް ފެނިވަޑައިގަތެވެ. މި މަހުލޫގު ދިޔައީ މީހުންނަށް އުނދަގޫ ކުރަމުންނެވެ. މި ގޮތުން ޝިކާރަކުރަން ޖަހާފައި ހުންނަ ދާ ހަލާކުކޮށް، ދަލުގައި ޖެހިފައިވާ ތަކެތި ގެންގޮސް މިފަދަ އެތައް ކަމެއް ދިޔައީ ކުރަމުންނެވެ. މިކަމާ ހެދި މި މަހުލޫގު އަތުލައިގަންނާނެ ގޮތަކާ މެދު ރަސްގެފާނު ފިކުރުފުޅު ހިންގަވައި، ދަލެއް ޖަހައިގެން މި ސޮރު އަތުލައިގަންނަވައިފިއެވެ. ދެން ގަނޑުވަރަށް ގެންދަވައި އޭނާއަށް ބަސް ދަސްކޮށް ދެއްވުމަށް ފެށްޓެވިއެވެ. މީނާއަށް ބަސް ދަސްވީ ވަރަށް ދުވަހުންނެވެ. މި ސޮރަށް ރަނގަޅަށް ދެފައި މައްޗަށް ތެދުވެވި، ހިނގަން ދަސްވެ، ބަސްމޮށޭން އެނގުނުމަށް ފަހު ޖަންގަލީގެ ތެރޭގައިވާ ހަޒާނާއެއް ރަދުންނަށް ދެއްކިއެވެ. މިކަމާ ރަދުން ވަރަށް ބޮޑަށް ހިތްޕުޅާވެ މީނާއަށް ރަދުންގެ ދަރިކަނބަލުންގެ ކައިވެނި ދެއްވައިފިއެވެ. އޭގެ ފަހުން ދުވަސްކޮޅެއްގެ ތެރޭގައި ރަދުން މި ބޭފުޅުން ދެކެ ކޯފާވެ ވަޑައިގެން ނަވަކަށް ލައްވާފައި ރަށުން ބޭރުކޮށްލެއްވިއެވެ. ދެން އެމީހުންނަށް ދިވެހިރާއްޖެއަށް އައު ދެވި ރާއްޖޭގެ ރަށެއްގައި ބަނދަރު ކުރާން އުޅުނު ތަނާ ކާޅެއް ގޮވައިލުމުން އެއީ ނުބައި ފާލެއް ކަމަށް ދެކި ދަތުރު ކުރަމުން އައިސް މާލެއަށް އައު ދެވުނީއެވެ."

އެހެން ކަމުން ކޮއިމަލާ ވާހަކަ ވެސް އިޝާރަތް ކުރަނީ ކަޅިންގާއިން ވަޑައިގަތް ސޫރުދަ ސަރުނަ އާދީއްތިޔައަށް ކަމަށް ގަބޫލު ކުރެވެއެވެ. ދިވެހިރާއްޖެ އިސްލާންވުމުގެ ކުރީގެ ރަސްރަސްކަލުންގެ މައުލޫމާތު މާ ސާފުކޮށް އެނގެން ނެތުމާއެކު، ދިވެހިރާއްޖެ އިސްލާމްވި އިރު ހުންނެވި ރަސްގެފާނަކީ ކޮއިމަލާ ކަމަށް ބަލައި، ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނާ ބެހޭ ގޮތުން ހުރި ވާހަކަތައް އިސްލާމްވީ ދުވަސްވަރުގެ ރަސްކަލަކަށް ނިސްބަތް ކުރެވުނީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.