28 Aug 2019, 16:36
އދ. އެއްލައިދޫ ރިސޯޓްގައި މަސައްކަތް ކުރަމުން ދިޔަ ލަންކާ މީހެއްގެ ގައިގައި ކަތިވަޅިއަކުން ޖަހައި މަރާލި މައްސަލައިގައި ދައުވާ ކުރާ ލަންކާ މީހާ ޖަޔަލަތު ކޮޑިއާރޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކޮށްފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ އެއްލައިދޫ ރިސޯޓުގައި ޕެރޭރާ އާއި އެ ރިސޯޓުގެ އެހެން ލަންކާ މުވައްޒަފަކާ ދެމެދު ވަނީ މާރާމާރީއެއް ހިނގައިފަ އެވެ. އެ މާރާމާރީގައި ޕެރާރާ ކަތިވަޅިއަކުން ދިން ހަމަލާއެއްގެ ސަބަބުން ލަންކާ މީހާ މަރުވި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. މާރާމާރީ ހިންގި އިރު ދެ މީހުންވެސް ތިބީ މަސްތުގެ ހާލުގައި ކަމަށްވެ އެވެ.
މި މައްސަލައިގައި ޕެރޭރާގެ މައްޗަށް ކުރީ ތޫނު އެއްޗަކުން ހަމަލާދީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، މަރުވި މީހާގެ ވާރިސުން ބޭނުންވާނަމަ އޭނާގެ މައްޗަށް ކުރާނީ މަރުގެ ހުކުމެކެވެ.
ބަންދުގެ މުއްދަތު ޖަހަން އދ. މަހިބަދޫ ކޯޓަށް ގެންދިޔުމުން ޕެރޭރާ ވަނީ އެކުގައި މަސައްކަތް ކުރި މީހާ މަރުވާން ދިމާވި ހާދިސާ ހިނގައި ދިޔަ ގޮތް ކިޔައިދީ އޭނާ އަތުން އެ މީހާ މަރުވި ކަމަށް އިއުތިރާރުވެފަ އެވެ. އަދި ފުލުހުންނަށްވެސް އިއުތިރާފު ބަޔާނެއް ދީފައިވެ އެވެ.
ކްރިމިނަލް ކޯޓުގައި އޮތް މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައި މިއަދު ޕެރޭރާގެ ފަރާތުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ފުލުހުންނަށް ދިން އިއުތިރާފު ބަޔާނަކީ އިޖުރާއަތްތަކާ ހިލާފަށް ނެގި ބަޔާނެއް ކަމަށް ބުނެ އެ ބަޔާނަށްވެސް ވަނީ އިންކާރުކޮށްފަ އެވެ.
ރޮމުން ރޮމުން ތަރުޖަމާނެއްގެ އެހީގައި ޕެރޭރާ ބުނީ އެކުގައި މަސައްކަތް ކުރި މީހާ މަރާލުމަކީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ.
މިއަދު ދައުލަތުގެ ފަރާތުން ވަނީ ޕެރޭރާއާ ދެކޮޅަށް ގިނަ ކިތާބީ އަދި ޝަފަވީ ހެކިތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހާދިސާ ހިނގައި ދިޔަ ތަނުގައި ތިބި އެހެން އެއްލައިދޫ ރިސޯޓުގެ މުވައްޒަފުންވެސް ހިމެނެ އެވެ.
ޕެރޭރާގެ ފަރާތުން މިއަދު ހެއްކެއް ހުށަހަޅައިފައެއް ނުވެ އެވެ. އެކަމަކު ހެކި ހުށަހަޅަން މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވަނީ ޕެރޭރާގެ ވަކީލުންނަށް ފުރުސަތު ދެއްވައިފަ އެވެ.
ދައުލަތުގެ ފަރާތުން ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ހުށަހަޅައިފައި ނުވެ އެވެ. އެކަމަކު ޕެރޭރާގެ ފަރާތުން ދެ ހުށަހެޅުމެއް ހުށަހެޅި އެވެ. އެއީ ޕެރޭރާގެ މައްޗަށް ދައުވާ ކުރީ ދައުވާ ކުރަން އޮންނަ މުއްދަތު ފަހަނަ އަޅައި ދިޔަ ފަހުން ކަމަށް ބުނާ ހުށަހެޅުމަކާއި އޭނާގެ އިއުތިރާފު ބަޔާން ނަގާފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ހުށަހެޅުމެކެވެ.
މި މައްސަލައިގައި ދެން އޮންނާނީ ޕެރޭރާގެ ފަރާތުން ހެކި ހުށަހެޅުމާއި ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ބެހޭގޮތުން ވާހަކަދެއްކުމެވެ.