28 Aug 2019, 14:57
ޒުވާނުން ވަޒީފާގެ މާހައުލަށް ވެއްދުމަށް އަދި ވަޒީފާގެ މާހައުލަށް ޝައުގުވެރިކޮށް ހުނަރުތައް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުމަށް 20 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް މިއަދު ފަށައިފިއެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮޖެކްޓަށް ޖުމްލަ 20 މިލިއަން ޑޮލަރު ހޭދަވާނެއެވެ. 20 މިލިއަންގެ ތެރެއިން 10 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވޯލްޑް ބޭންކުން ދޭ ފައިސާ އެވެ.
އެ ޕްރޮޖެކްޓް ލޯންޗުކުރުމަށް މިއަދު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަޔާ އެޑިއުކޭޝަންގެ މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވީ މަޝްރޫއުގެ ދަށުން ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ ވަސީލަތްތައް ގާއިމްކޮށްގެން ކަމަށެވެ.
އަދި މިއަދު އިފްތިތާހް ވެގެންދިޔަ ޕްރޮޖެކްޓަކީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ޕްރޮޖެކްޓެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޔޫތު ހަބް ގާއިމްކުރުމުގެ އިތުރުން އިންކިއުބޭޝަން ސަޕޯޓް ފެސިލިޓީސް ގާއިމް ކުރުމަށް ހަމަޖެހިފައިވާއިރު ވިޔަފާރި ފެށުމަށް ހިލޭ އެހީ ދިނުމަށް ވެސް ޕްރޮޖެކްޓްގެ ދަށުން ވަނީ ނިންމާފައެވެ.
"21 ވަނަ ގަރުނަށް ފެތޭ ސްކިލްސް ސްޓްރެޓަޖީއެއް ހެދުމުގެ މަސައްކަތް ފަށައިފިން. އެކަމަށް ބޭނުންވާ ތަފާސްހިސާބުތައް ދަނީ އެއްކުރެވެމުން،"
މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވީ ޒުވާނުންނަކީ ޒިންމާދާރު މުރާލި އަދި މަސްއޫލިއްޔަތު ނަގަން ކެރޭ ބަޔަކަށް ހެދުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.