ގދ. ގައްދޫގައި އުމުރުން އަށާރަ އަހަރު ނުވާ ކުއްޖަކު ދުއްވި ސައިކަލެއް ކައްސާލައި، އެ ސައިކަލުގެ ފަހަތުގައި އިން ކުއްޖަކަށް ބޮޑެތި ޒަހަމްތަކެއް ލިބިއްޖެ އެވެ.

ގައްދޫ ސިއްހީ މަރުކަޒުގެ އެސިސްޓެންޓް މެނޭޖާ އިލްޔާސް ރަޝީދު ވިދާޅުވީ މިއަދު ހަވީރު 3:15 އެހާކަންހާ އިރު ހިނގި އެކްސިޑެންޓްގައި ޒަޚަމްވެފައި ވަނީ ސައިކަލުގެ ފަހަތުގައި އިން އެ އަތޮޅު ތިނަދޫ އުމުރުން 16 އަހަރުގެ އިބްރާހީމް ޝިފާޒު ކަމަށެވެ. ސައިކަލް ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ އަށް ގައްދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ގައްދޫ ހިއްކި ސަރަހައްދުގައި ދުއްވި ސައިކަލު ފަހަތުގައި އިން ޝިފާޒުގެ މޫނުމައްޗަށް ބޮޑެތި ޒަހަމްތަކެއް ލިބި، އޭނާގެ ދެ ލޯ ކައިރި ވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އޭނާޔަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވޭ. ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި މޫނު މަތީގެ އެކިތަންތަނަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައި. ދެ ލޯ ކައިރި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި. ސައިކަލް ދުއްވަން އިން ކުއްޖާ މިހާރުވަނީ ގައްދޫ ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު ދޫކޮށްލާފައި،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައްދޫ ސިއްހީ މަރުކަޒުން އެކުއްޖާއަށް ފަރުވާ ދިނުމަށްފަހު މިހާރު ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.