އިސްލާމިކް ޔުނިވާސިޓީ ކައިރީގައި އޮންނަ ލޮރެންޒޯ ޕާކު ތެރޭގައި 2012 ވަނަ އަހަރު ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމް މަރާލި މައްސަލައިގައި ޕީޖީގެ ފަރާތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ނަންތަކެއް އޮޅިގެން ޕީޖީއަށް ހާމަކުރެވިފައިވާ ކަމަށް ހައިކޯޓުން ބުނެފިއެވެ.

އަރުހަމް މަރާލި މައްސަލައިގައި ދައުވާ ކުރީ ހަތަރު މީހަކަށެވެ. އެއީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާން އަދި މއ. ސީނަރީވިއު އާތިފް ރަޝީދުއެވެ. އެ ހަތަރު މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ގެންދިޔައީ އެކުއެކީގައެވެ. އެކަމަކު، ހަމައެކަނި ކުށް ސާބިތުވީ ވިސާމްގެ މައްޗަށެވެ. އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަރުހަމް މަރާލިކަން ދެން ތިބި ތިން މީހުންގެ މައްޗަށް ސާބިތުވެފައި ނުވާ ކަމަށް ނިންމައި 22 ސެޕްޓެމްބަރު 2016ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕީޖީއިން ހައިކޯޓުގައި އިސްތިއުނާފު ކުރީ 15 ޖެނުއަރީ 2017ގައެވެ. މިއަދު އެ އިސްތިއުނާފު މައްސަލައިގެ ދެވަނަ އަޑުއެހުން ހައިކޯޓުގައި އޮތެވެ.

އަރުހަމް މަރާލި މައްސަލައިގައި ދައުވާ ކުރި ހަތަރު މީހުން ---

މި މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ. ދެން ބެންޗުގައި ތިއްބަވަނީ އިސްފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

މިއަދުގެ އަޑުއެހުން ފަށަަމުން ފަނޑިޔާރުންގެ ބެންޗުން ބުނީ މި މައްސަލައާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ޕީޖީއަށް ހާމަކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ހައިކޯޓުން ނުނަގާނެ ކަމަށެވެ.

އެ މައުލޫމާތުތައް ދައުވާ ލިބޭ ފަރާތްތަކަށް ހާމަނުކުރައްވާނެ ކަމަށް ދައުވާ ލިބޭ ތިން މީހުންގެ ފަރާތުން ހާޒިރުވި ވަކީލު އަލީ ޝާހު ވިދާޅުވިއެވެ. ފަނޑިޔާރުންގެ ބެންޗުން ބުނި ގޮތުގައި މި މައުލޫމާތުތައް ޕީޖީއަށް ހާމަ ކުރެވުނީ ކްރިމިނަލް ކޯޓުގައި 2016 ވަނަ އަހަރު މި މައްސަލައިގެ ހުލާސާ ބަޔާން އިއްވި އިރު އެވެ. އޭރު ދައުވާ ލިބޭ ފަރާތްތަކަށް މަޖިލީހުގައި ތިއްބެވެ.

މިއަދު ވަނީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ނުކުތާތައްވެސް ހުށަހަޅައިފައެވެ. އެގޮތުން ދައުލަތުން ތިން ނުކުތާއެއް ހުށަހެޅިއެވެ. ދައުލަތުން ފާހަގަކޮށްފައި ވަނީ، ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިނގި އިރު ހަތަރު މީހުންނާ ދެކޮޅަށް އެއް ހެކިތަކެއް ހުށަހަޅާފައިވާ ކަމެވެ. އަދި އެ ހެކިވެރިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށް ހުކުމުގައި ބުނެ، ހަމައެކަނި ވިސާމްގެ މައްޗަށް ދައުވާ ސާބިތުވި ކަމަށް ކަނޑައަޅާފައިވާ ކަމެވެ. އެހެންކަމުން، ދައުލަތުން ބުނެފައި ވަނީ މި މައްސަލަ ނިންމީ ހުރިހާ ހެކިވެރިންގެ ހެކިބަހަށް ރިއާޔަތްކޮށް ކަމަށް ނުދެކޭ ކަމަށެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރީ، މި އަރުހަމް މަރާލި މައްސަލައިގައި ހިމެނޭ މީހުން ގާނޫނީ ހަމަތަކުން ބަލާއިރު ގަސްދުގައި މީހަކު މެރުމުގެ ކުށް ކޮށްފައިވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން ބަލާއިރު މި މައްސަލަ ނިންމާފައި ވަނީ ރަނގަަޅަށް ނޫންކަމަށް ދެކޭ ކަމަށެވެ. ތިންވަނަ ނުކުތާއެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރީ އަރުހަމް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ އަމަލަކީ ޝަރުއީ ހަމަތަކުން ބަލާއިރުވެސް ގަސްދުގައި މީހަކު މެރުމުގެ ކުށް ކަމުގައެވެ. ޝަރުއީ ހަމަތަކުން މި މައްސަލަ ނިންމާފައި ވަނީ ރަނގަޅަށް ނޫންކަމަށް ދައުލަތުން ދެކެއެވެ.

ދައުވާ ލިބޭ ތިން މީހުންގެ ފަރާތުން ހާޒިރުވި ވަކީލު އަލީ ޝާހު އެދިވަޑައިގަތީ ލިޔުމުން ޖަވާބުދާރީވުމަށެވެ. މިއަދުގެ އަޑުއެހުން ނިންމާލީ އެ ފުރުސަތު ދިނުމަށް ފަހުއެވެ.

އަރުހަމް މަރާލިކަން ސާބިތު ނުވާ ތިން މީހުންގެ މައްސަލަ ހައިކޯޓުގައި ފަށައިފައިވާއިރު، އޭނާ މަރާލި ކަމަށް ސާބިތުވި ވިސާމްގެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންގޮސް މިހާރު އޮތީ އަޑުއެހުންތައް ނިންމާލައިފައެވެ.