ފުލުހުންގެ ތަހުގީގުގައި ހެކި ގެންގުޅުނު ގޮތް، ނުވަތަ ހެކީގެ ޗެއިން އޮފް ކަސްޓަޑީގެ އިޖުރާއަތު ފުރިހަމަވެފައިނުވާތީ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހަކު އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތް ވެއްޖެ އެވެ.

މީގެ ހަ އަހަރު ކުރިން 2014 ވަނަ އަހަރު އެ މީހާ ހައްޔަރު ކޮށްފައިވަނީ މާލެއިން އައްޑޫ ސިޓީއަށް ވައިގެ މަގުން މަސްތުވާތަކެތި ހިފައިގެން ގޮސް ކާރެއްގައި ނައްޓާލުމާއި އެކު އެވެ. މާލެއަށް ނިސްބަތްވާ އެ މީހާ އައްޑޫ، ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަލައި ޗެކްކުރި އިރު އޭނާގެ ދެ ފައިގެ ފަލަ މަސްގަނޑުގައި ޓޭޕް އަޅައި މަސްތުވާތަކެތި ރައްކާ ކޮށްފައިވާ ކަމަށް ދައުވާ ގައި ވަނީ ބުނެފަ އެވެ.

ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާގެ ލަގެޖް ބެލުމަށްފަހު، ލައިގެން ހުރި އެއްޗިހި ބޭލުމަށް އެންގުމުން އަމިއްލަ އަށް ފަޓުލޫނު ބާލައި ދެފައިގައި އޮޅާފައިވާ ޓޭޕް ދައްކައި އޭނާ ގެނައި އެއްޗަކީ އެއީ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެއީ އޭނާއަށް މާލެއިން މީހަކު ހަދިޔާއަކަށް ދީފައިވާ އޭނާގެ އަމިއްލަ އެއްޗެހި ކަމަށް އިއުތިރާފު ވެފައިވާ ކަމަށް އެއް ފުލުހަކު ވަނީ ހެކިބަސް ދީފަ އެވެ. ނަމަވެސް އެހެން ފުލުހަކު ބުނެފައިވަނީ، ހައްޔަރު ކުރި މީހާ ގެނައީ މާލެއިން އޭނާއާ މީހަކު ހަވާލު ކުރިއެއްޗެއް ކަމަށް ބުނެފައިވާ ކަމަށެވެ.

އެގޮތުން ވާއަތުފައިގައި 191.7000 ގްރާމް ކެނަބިސް އަދި އަނެއްފައިގައި 214.5000 ގްރާމް ކެނަބިސް ހުރި ކަމަށް ތަހްލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި އެންމެ ފުރަތަމަ އަޑުއެހުމުގައި އޭނާ ބުނެފައިވަނީ ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ދައުލަތުން ހަމަޖައްސާ ވަކީލެއްގެ އެހީގައި ކަމަށެވެ. ނަމަވެސް ދެވަނަ އަޑުއެހުމުގައި، އާއިލާއާ ވާހަކަ ދައްކައިގެން ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދިނުމަށް އެދިފައިވާ ކަމަށް އެ މައްސަލައިގެ ހުލާސާގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ.

އޭނާގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ، އޭނާގެ މުވައްކިލުގެ އަތުން މަސްތުވާތަކެތި ފެނުމުގެ ފުރުސަތު ނެތްކަން ސާބިތު ކުރުމަށް ހެކި ހުށަހަޅަން ބޭނުންވާ ކަމަށެވެ. އެގޮތުން ދެ އެއާޕޯޓުން އޭނާގެ މުވައްކިލު ޗެކް ކުރި މުވައްޒަފުން ހެކީންގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް ހެކި ހުށަހެޅުމުގެ ފުރުސަތުގައި ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަން ވަނީ ފާހަގަ ކޮށްފަ އެވެ.

އެ މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ދިފާއުން ފާހަގަ ކޮށްފައިވަނީ ހުލާސާބަޔާން ހުށަހަޅައި ނިމިފައިވަނިކޮށެވެ. އަދި މައްސަލައެއްގެ އެންމެ އިންސާފުވެރި ހުކުމަކަށް ވާސިލްވުމަށްޓަކައި ދިފާއުން އެދުނު ފުރުސަތު ދެވިދާނެ ކަމަށް ޝަރީއަތުން ވަނީ ނިންމައިފަ އެވެ.

"ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރިހަމަ ނުވާ ކަމަށާއި މަސްތުވާތަކެތި ލިފްޓްކުރެވުނު ހިސާބުން އެކަކު އަތުން އަނެކަކު އަތައް ދައުރުވަމުންދިޔަ ގޮތް މި މައްސަލައިގައި އެނގެން ނެތް ކަމަށާއި އެކަން އެނގިގެން ދަނީ މަސްތުވާތަކެއްޗާއެކު ދައުރުވާ ޗެއިން އޮފް ކަސްޓަޑީގެ ކުޑަ ކާޑުން ކަމަށާއި މިކަމަކީ މަތީ މަރުހަލާގެ ކޯޓުތަކުން މިހާރު ގޮތެއް ކަނޑައަޅާދީފައިވާ ކަމެއް،" ދިފާއީ ވަކީލު ޝާއިރު ފާހަގަ ކުރި އެވެ.

ދައުލަތުން ޗެއިން އޮފް ކަސްޓަޑީގެ ނަމުގައި ހުށަހަޅާފައިވާ ހަތަރު ސަފްހާގެ ޑޮކިއުމަންޓުގައި ހުރީ ކޮމްޕިއުޓާ ޖެނެރޭޓެޑް މައުލޫމާތުތަކެއް ކަމަށާއި އޭގައި އެއްވެސް ފަރާތެއްގެ ސޮއި ނެތްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ކުށުގެ ވެށިން ނެގުނު މަސްތުވާތަކެތި ނެގުމާއި ހަމައަށް ފެށިގެން ލެބޯޓަރީއަށް އެތަކެތި ފޮނުވައި ތަހުލީލުކޮށް ނިމިގެން އައުމާއި ހަމަޔަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ އެނގެން ނެތްކަން ޝަރީއަތުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ކަމުން ކްރިމިނަލް ކޯޓުން މިމަހުގެ އެއް ވަނަ ދުވަހު ގާޒީ ހުސައިން ފާއިޒް ރަޝާދު ކުރެއްވި ހުކުމްގައި ބުނެފައިވަނީ، ހެކީގެ ގޮތުގައި ހޯދާފައިވާ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ ފުރިހަމަވެފައިނުވާކަން މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިތުންތަކަށް ބެލުމުން އެގެން އޮންނާތީ އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކުކުރުމުގެ ކުށުގެ ދައުވާ ޝަރީއަތައް ސާބިތުނުވާކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނު ބުނާ ގޮތުން ކެނެބިސް ޓްރެފިކް ކުރުމަކީ ކުށެކެވެ. އެ ގާނޫނުގެ 106 ވަނަ މާއްދާގައި ބުނާ ގޮތުން ކެނެބިސް ޓްރެފިކް ކުރި ކަމުގެ ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ގާޒީއަށް ލިބެ އެވެ.