މި އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓަށް 1.7 މިލިއަން ރުފިޔާ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްވީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައި ވަނީ 30.2 ބިލިއަން ރުފިޔާގެރެކޯޑް ބަޖެޓެކެވެ. ބަޖެޓަށް އިތުރުކުރަން ފާސްކުރި 1.7 ބިލިއަން ރުފިޔާ އާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބަޖެޓް ޑެފިސިޓް 4.9 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާތަނަށް މިއަހަރުގެ ބަޖެޓުން 15.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އާމްދަނީގެ ގޮތުގައި ވަނީ 14.5 ބިލިއަން ރުފިޔާ ލިބިފަ އެވެ.

ސަޕްލިމަންޓްރީ ބަޖެޓުން ގައުމީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ އިތުރުވުމާއި އާ މަޝްރޫއުތައް ވެސް ފެށޭތަން ފެންނާނެ ކަމަށާއި އާ ހަރަދުތަކުން މާލީ ބާޒާރަށް ލޮޅުންތަކެއް ނާންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވަނީ މަޖިލީގެ ޖަލްސާގައި ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ވަޑައިގެން މެންބަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ، އިތުރަށް ހަރަދުކުރަން ހުށަހެޅީ މީގެ ކުރިން ލަފާކުރެވިފައި ނުވާ ވަރަށް ވުރެ ގިނައިން ބޭރުގެ ހިލޭ އެހީ ލިބިފައި ވާތީ އެ ފައިސާއިން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހަރަދު ކުރުމުގެ ގޮތުން ކަމަށެވެ. އަދި މީގެ ކުރިން ފާސްކުރި ބަޖެޓަކީ، މި ސަރުކާރުގެ ވައުދުތައް އެންމެ އެކަށީގެންވާ ގޮތުގައި ފުއްދޭ ގޮތަށް ފަރުމާކޮށްފައިވާ ބަޖެޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ސައުދީ ފަންޑުން ހިލޭ އެހީގެ ގޮތުގައި އިތުރު 40 މިލިއަން ޑޮލަރު ލިބިފައިވާއިރު 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް އިންޑިއާއިން ދީފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި އެސްއެމްއީ ބޭންކުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލޯނު ދިނުމަށް އެސްބީއައިއިން 25 މިލިއަން ޑޮލަރުގެ ކުރިޑިޓް ފެސިލިޓީއެއް ލިބިފައިވާކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި މަޖިލީހުން ހުއްދަ ލިބިގެން މި އަލަށް ލިބުނު އެހީގެ ފައިސާއިން ހަރަދުތައް ވެސް ކުރަން. އެހެންވެ އަޅުގަނޑުމެން މި މަޖިލީހުގެ ހުއްދައަކަށް އައީ. މި ފައިސާ ބޮޑު ބައެއް ހަރަދު ކުރާނީ ތައުލީމާއި ސިއްހަތު އަދި ކުދި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަލަށް ކުރާ ހަރަދުތައް:

ތައުލީމީ ލޯނާއި ސްކޮލަޝިޕަށް: 300 މިލިއަން ރުފިޔާ
ޓާޝަރީ ފަސް ހޮސްޕިޓަލް ތަރައްގީ ކުރަން: 294.5 މިލިއަން ރުފިޔާ
އެސްއެމްއީ ބޭންކުން ލޯން ދޭން: 350 މިލިއަން ރުފިޔާ
ކަރަންޓާއި ދަތުރުފަތުރުގެ އަގުހެޔޮކުރަން: 189.4 މިލިއަން ރުފިޔާ
ހުޅުމާލެ ހޮސްޕިޓަލްގެ ތަރައްގީއަށް: 150 މިލިއަން ރުފިޔާ
ނާސްތާ ޕްރޮގްރާމްއަށް: 81 މިލިއަން ރުފިޔާ
އާ އިދާރާތަކަށް ދިނުމަށް: 18.7 މިލިއަން ރުފިޔާ