27 Aug 2019, 22:56
ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ދައުވަތު ދޭން ފާސްކޮށްފި އެވެ.
މިރޭ އޮތް މަޖިލީހުގެ ޖަލްސާގައި ރަނިލްއަށް ދައުވަތު ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން ދައުވަތު ދޭން ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު 9:30ގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާށެވެ.
ރަނިލް ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. މި ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރޭގައި މިހާތަނަށް ބޭރުގެ ދެ ބޭފުޅަކު ވަނީ މަޖިލީހުގައި ތަގުރީރު ކުރައްވައިފައެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޔޫރަޕިއަން ޔުނިއަންގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފެޑެރިކާ މޮގެރިނީ އެވެ.