06 Nov 2011, 16:24
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ނ. މިލަދޫ ގޮފި އިފްތިތާހުކޮށްފި އެވެ. ޕީޕީއެމްގެ މިލަދޫ ގޮފި އިފްތިތާހު ކުރުން އޮތީ ރޭ އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގަ އެވެ.
މިލަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީ.ޕީ.އެމް ގެ އިންތިޤާލީ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ މިލަދޫގެ ޒުވާނުންގެ ހިތްވަރަށް ތައުރީފުކުރައްވާ ވާހަކަ ދައްކަވާފަ އެވެ. އަދި.ޕީ.ޕީ.އެމް އުފެދުނު ފަހުން އަތޮޅުތަކުގައި އެންމެ ފުރަތަމަ ޖަލްސާއެއް ބޭއްވޭ ރަށަކީ މިލަދޫ ކަމަށްވީތީ، މިލަދޫ އަށް ނިސްބަތްވާ ޕީ.ޕީ.އެމްގެ ހުރިހާ މެންބަރުންނަށް ތަހުނިޔާވިދާޅުވި އެވެ. އަދި ޕާޓީގެ އިންތިގާލީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން މިލަދޫ ޕީ.ޕީ.އެމްގެ މެންބަރުންނަށް އީދުގެ ތަހުނިޔާ އާއި ހެޔޮއެދުން ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީ.ޕީ.އެމްގެ ކައުންސިލް މެންބަރު ޑރ. މުހައްމަދު ސައުދުގެ ވާހަކަފުޅުގައި، މިލަދޫ ޒުވާނުންނަކީ ދިވެހި ގައުމަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ބައެއްކަން ފާހަގަކުރެއްވި އެވެ.
ކައުންސިލް މެންބަރު މުންދު ދެއްކެވި ވާހަކަފުޅުގައި ޕީ.ޕީ.އެމްގެ ގިނަ ރެކޯޑުތަކެއް މިހާރުވެސް މިލަދޫ ގޮފިން މުގުރާލާފައިވާކަން ފާހަގަކުރައްވާ މިލަދޫއަކީ ޕީ.ޕީ.އެމްގައި އެންމެ ފުރަތަމަ އިފްތިތާހުކުރެވޭ އާންމު ގޮފި ކަމަށް ވީތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި މިލަދޫ އެމް.ޑީ.ޕީ ގޮފީގެ އިތުރު މެންބަރުންތަކެއް ޕީ.ޕީ.އެމާ ގުޅުނެވެ. އަދި މިލަދޫ ޒުވާނުންގެ ތެރެއިން ޕީ.ޕީ.އެމް އާ އަލަށް ގުޅުނު އެންމެހާ މެންބަރުން ޕާޓީގެ ވަފުދަށް ތައާރަފުވުން އޮތެވެ.