27 Aug 2019, 20:19
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް އުފައްދައިފި އެވެ.
ރައީސް އޮފީހުން ބުނީ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް އުފައްދައި އެ ތަނަކީ ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެ ކޮންސިއުލޭޓު އުފެއްދީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަމަށެވެ.
އެ ކޮންސިއުލޭޓު އުފެއްދީ ހައްޖާއި އުމްރާއަށް ދާ ދިވެހިންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުމަށާއި، ޖިއްދާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށާއި، އެތަނުގައި ދިރިއުޅޭ ދިވެހިންނަށާއި، އެތަނަށް ޒިޔާރަތްކުރާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ ބޭނުމުގަ އެވެ.
ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ހުޅުވާފައިވާއިރު މާލޭގައި ސައިދޫގެ އެމްބަސީއެއްވެސް ހުރެ އެވެ.