ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް މި ސަރުކާރުގެ ފުރަތަމަ ބިން ހިއްކާ ރަށްތަކުގެ ތެރޭގައި ކ. މާފުށި ހިމަނައި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކ. މާފުށީގެ އިތުރުން ކ. ގުރައިދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ އެމްޓީސީސީއާ އެކު ސޮއިކޮށްފަ އެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކުރުން އޮތީ މިއަދު ޕްލޭންނިން މިނިސްޓްރީގަ އެވެ. ދެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ފާތިމަތު ޝަނާ ފާރޫގެވެ

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެެއްގައި ބުނީ، މި ދެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 225 ދުވަސް ތެރޭ ނިންމުމަށް ކަމަށެވެ.

ދެ ރަށުގެ ބިން ހިއްކުމަށް އެމްޓީސީސީއާއެކު ސޮއިކުރުން --- ފޮޓޯ/ މިނިސްޓްރީ

ދެ މަޝްރޫއުގެ އަގު:

  • މާފުށީ ބިން ހިއްކުމަށް 99.98 މިލިއަން ރުފިޔާ

  • ގުރައިދޫ ބިން ހިއްކުމަށް 85.93 މިލިއަން ރުފިޔާ

ދެ މަޝްރޫއުގެ ޖުމްލަ އަގަކީ 186 މިލިއަން ރުފިޔާ އެވެ.

މިއީ މި ސަރުކާރުގެ ފުރަތަމަ ބިން ހިއްކުމުގެ މަޝްރޫއެވެ. އެންމެ ފުރަތަމަ ސޮއި ކުރި ރަށްތަކުގެ ތެރޭގައި މާފުށި ހިމެނުނުއިރު، ފުރަތަމަ ބިން ހިއްކާ ރައްތަކުގައި ތެރޭގައި މާފުށި ހިމެނުއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭ މާފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވީ ކެމްޕޭން ޖަލްސާގަ އެވެ.

މިދިޔަ އަހަރުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރި މިއަހަރުގެ ބަޖެޓްގައި 396 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއަށެެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ހަތަރު އެއާޕޯޓެއް ތަރައްގީ ކުުރުމަށާއި މީހުން ދިރިއުޅޭ 19 ރަށް ހިމެނެ އެވެ.

ބިން ހިއްކުމަށް ކަނޑައަޅާފައިވާ އިތުރު 17 ރަށް:

  • ހއ. ތުރާކުނު

  • ހއ. އިހަވަންދޫ
  • ރ. އަލިފުށި
  • ރ. ދުވާފަރު
  • ކ. ހުރާ
  • ކ. ގުޅި
  • އއ. ބޮޑުފުޅަދޫ
  • އއ. އުކުޅަސް
  • ފ. މަގޫދޫ
  • ފ. ފީއަލި
  • ދ. މާއެނބޫދޫ
  • ތ. ހިރިލަންދޫ
  • ތ. ގުރައިދޫ
  • ލ. މާވަށް
  • ގއ. ދާންދޫ
  • ގދ. މަޑަވެލި
  • ސ. މަރަދޫ
  • ސ. މަރަދޫފޭދޫ