ޖަމިއްޔަތުއްސަލަފާއި ޝަހީބް މީޑިއާ ކޮންސަލްޓެންސީ ގުޅިގެން ނޫސްވެރިކަމުގެ ބޭސިކް ކޯހެއް ހިންގުމަށް އެއްބަސް ވެއްޖެ އެވެ.

ސަލަފުން ބުނީ އެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި ސަލަފުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމެވެ. ޝަހީބް މީޑިއާ ކޮންސަލްޓެންސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ޝަހީބެވެ.

ސަލަފުން ބުނީ އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދެ ޖިންސްގެ މީހުންނަށް ވެސް މިހާރުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެންމެ އަވަހަށް ފައިސާ ދައްކާ 40 ފަރާތަށް ކޯހުގައި ބައިވެރިވެވޭނެ ކަމަށް ސަލަފުން ބުންޏެވެ.

ޖެނުއަރީ 2 އިން 15 އަށް ކުރިއަށް ގެންދާ "ބޭސިކް ޖާނަލިޒަމް ޓްރޭނިން" ކޯހުގައި ބައިވެރިވުމުގެ ފީ އަކީ 2،500ރ. އެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އިން 10:30 އަށް ކުރިއަށް ގެންދާ ކޯހުގައި ކިޔަވައިދެއްވަނީ ވެސް ޝަހީބެވެ.

މިކޯހުން ފާސްވާ ދަރިވަރުންނަށް ޖަމްއިއްޔަތުއްސަލަފާއި ޝަހީބު މީޑިއާ ކޮންސަލްޓަންސީ ގުޅިގެން ސެޓްފިކެޓް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އޯލެވެލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށް ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ކޯހެއް ޝަހީބު މީޑިއާ ކޮންސަލްޓަންސީ މިދިޔަ އަހަރު ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.