އައްޑޫ ސިޓީގެ ކަލްޗާ ސެންޓަރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

އައްޑޫގެ ކަލްޗާ ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު އެތަނުގައި މެހުމާނުން ސޮއިކުރުމަށް ހާއްސަކޮށްފައިވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި އައްޑޫގެ ޒުވާނުން ތާރީހީ ކަން ކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަން އެމަނިކުފާނަށް ފާހަގަކުރެވޭ ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

އެ ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގައި ބަހައްޓާފައިވާ އައްޑޫގެ ތާރީހާ ގުޅުން ހުރި ލިޔުންތައް ބައްލަވާލައްވައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޑޫގެ އާސާރީ ކަންތައް ދައްކުވައިދޭ ގޮތަށް ފަރުމާކުރެވިފައިވާ ކަލްޗަރަލް ސެންޓަރަކީ ސާކް ސަމިޓަށް އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވާ މެހެމާނުންނަށް އައްޑޫގެ އިހުގެ އާދަކާދަތަކާއި ދިވެހި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ.