27 Aug 2019, 13:40
ރައްޔިތުން މަޖިލީހުގެ ދައުރު އަންނަ މަހުގެ ފަހަކަށް ދިގު ކުރުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުން މަޖިލީހުގެ ދައުރު ނިންމައި ޗުއްޓީއަށް ދާން އޮތީ، މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު އެވެ. އެހެން ނަމަވެސް މުހިންމު ބިލްތަކާއި މައްސަލަތަކެއް ނިންމަން ހުރުމުން ރިޔާސަތުން މިއަދު ވަނީ ދައުރު ސެޕްޓެމްބަރު ފަހަކަށް ދިގު ކުރުމަށް ވޯޓަށް އަހައިފަ އެވެ.
އެ ވޯޓަށް އެހުމުން އެ ވަގުތު މަޖިލީހުގައި ތިއްބެވި 72 މެންބަރުން އިއްތިފާގުވީ އަންނަ މަހުގެ ފަހަކަށް ދައުރު ދިގު ކުރުމަށެވެ.
މަޖިލީހުގެ މި ދައުރު ދިގުކޮށްފައި ވާއިރު، މުހިންމު ބިލްތަކެއްގެ މަސައްކަތް އަދިވެސް ކުރިއަށް އެބަ ދެއެވެ. އެގޮތުން މަސްވެރިކަމުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލާއި، ކުޑަކުދިންގެ
ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ހިމެނެއެވެ. ހަމައެއާއެކު، ގިނަ ގަރާރުތަކެއް ވެސް މަޖިލީހަށް ވަނީ ހުށަހެޅިފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ދައުރުތައް ބެހިގެންވަނީ ތިން ދައުރުގެ މައްޗަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރުގެ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.