ހދ. ކުޅުދުއްފުށީ އެއާޕޯޓްއިން ހުޅުވާލި 25 ވަޒީފާއަށް 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަމީމް "ސަން" އަށް މިއަދު ވިދާޅުވީ ވަޒީފާތަކަށް 400 ވުރެ ގިނަ މީހުން ކުރިމަތިލިއިރު ޝަރުތު ހަމަވަނީ 207 މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ މަގާމުތަކަށް ޝަރުތު ހަމަނުވާ މީހުންނަށް މިހާރު އެކަން އަންގާފައިވާނެ ކަމަށެވެ.

"އެންމެ ގިނައިން ކުރި މަތިލައިފައި ހުރީ މަސައްކަތު މީހުންގެ މަގާމަށް. މަގާމުތަކަށް ކުރި މަތިލި މީހުންނާ އިންޓަވިއު ކުރުން އަންނަ ބުރާސްފަތީގައި ފަށާނަން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގާމުތަކަށް ހޮވާއިރު ބަލާނީ ސިވިލް ސާވިސްއިން ކަނޑައަޅާފައިވާ ކެޓެގަރީއަށް ފެތޭ ކެޓަގަރީގެ މީހުންނަށް ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓުން 13 މަގާމަކަށް 25 މީހުން ހޯދަން އިއުލާންކުރީ މިދިޔަ މަހު ފަހުކޮޅު އެވެ. ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި ޑިރެކްޓަރުންނާއި އޮޕަރޭޝަން އޮފިސަރުންނާއި ގާޑުންނާއި ފަޔާ ފައިޓަރުންގެ އިތުރުން މަސައްކަތު މީހުން ހިމެނެ އެވެ.