ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ އިންތިހާބީ މައި މަރުކަޒު، ބާ ޖަމާލުއްދީންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ސިދާ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ އިލެކްޝަނާ ގުޅޭ ތާރީހުތައް އިއުލާން ކުރައްވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ލޯކަލް ކައުސިލް ބާއްވާނެ ވަކި ތާރީހެއް ކަނޑައެޅިގެން އަދި ކަނޑައެއް ނާޅަން. އެހެން ނަމަވެސް ދުވަސްވަރެއް ކަނޑައަޅާފައި މިވަނީ، އެއީ 2020 [އަންނަ އަހަރުގެ] ގެ އެޕްރީލްމަހުގެ ފުރަތަމަ ހަފްތާ ތެރޭ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ތާވަލް ކުރަމުން ދަނީ،" ޝަރީފު ވިދާޅުވި އެވެ.

އެޕްރީލް ފުރަތަމަ ހަފްތާފަގައި އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލަނީ، އަންނަ ފެބްރުއަރީ މަސްތެރޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމަށްޓަކައި އިތުރު ފޮށިތަކާއި ފޮށިތަކުގެ އަދަދުވެސް އިތުރު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ފޮއްޓަކަށް ވެސް ވޯޓުލާ އަދަދު މަދުކޮށްފައިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭގޮތުގައި، ލޯކަލްކައުންސިލް އިންތިހާބުގައި ވަރަށް އޮޅުންބޮޅުން ތަކެއް ބޮޑުވާނެ. ސަބަބަކީ، ނަތީޖާ ފާޅުކުރުމާއި ނަތީޖާ ސާފުކުރުމަށް އިތުރު ވަގުތު ނަގާނެ ވޭތުވެދިޔަ ދެ އިންތިހާބާ ތަފާތުކޮށް. އެހެންވެ އަޅުގަނޑުމެން ވާނީ ވޯޓުލާ ފޮށްޓަލައް ވޯޓުލާ އަދަދު ބަދަލުލުކޮށް [މަދުކޮށްފައި]،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ވޯޓު ފޮއްޓަކަށް އެންމެ ގިނައިން ވޯޓުލެވޭ އަދަދަކީ 700 އަށް ހެދުމަށް ކޮމިޝަންގައި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"މަނައަކީ 700 އަށް ވުރެ ގިނައިން އެއްވެސް ފޮއްޓަކަށް ރަޖިސްޓްރީކޮށްފައި ނުވާމެ. އެހެންވުމުން ގަތްގަނޑަކަށް އެއީ ވޭތުވެތިދަ އިންތިހާބާ އަޅާ ބަލާއި، 178 ފޮށި އިތުރުވެގެން ދާނެ،" ޝަރީފު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ވޯޓު ފޮށިތައް އިތުރުވުމުން އޮފިޝަލުންގެ އަދަދުވެސް 6،000 އާއި 7،000 ދެމެދުގެ އަދަދަކަށް އިތުރުވެގެން ދާނެ ކަމަށެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި އޮފިޝަލުންގެ އަދަދަކީ، 5،000 އެއްހާ އޮފިޝަލުން ކަމަށް ޝަރީފު ވިދާޅުވި އެވެ.

މުޅި އިންތިހާބަށް ޖުމްލަ 65 - 70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.