06 Nov 2011, 15:06
ޔުނެސްކޯގެ ދާއިމީ މެންބަރުކަން ފަލަސްތީނަށް ދިނުމަށްޓަކައި ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިނުވުމަކީ މި ގައުމުގެ ޝަރަފާއި އިއްޒަތް އިސްލާމީ އުއްމަތްތަކުގެ ކުރިމަތީގައި އަދި ދުނިޔޭގައި ވެސް ވެއްޓިގެންދިޔަ ކަމެއް ކަމުގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ތަސްމީން މިހެން ވިދާޅުވެފައި ވަނީ އަޟްހާ އީދުގެ ތަހުނިއްޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުއްމަޔަށް ދެންނެވުމަށް އޭނާގެ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވާ ބަޔާނެއްގަ އެވެ.
އިސްލާމީ އުއްމަތަށް ނަޒަރު ހިންގާލައްވާ ތަސްމީން ވިދާޅުވެފައިވަނީ މިހާރަކަށް އައިސް ފެންނަމުންދަނީ ދުވަހެއް ދުވަހަކަށް މި އުއްމަތުގެ ހައިބަތާއި ޤަދަރު ހަސްފަސްވެ ފުޑުފުޑުވާ މަންޒަރު ކަމަށާއި ދީނުގެ އަދުއްވުންގެ ނުބައި ހީލަތްތަކުގައި ޖެހި އަމިއްލަ ދީނާއި ގައުމު ބޭރުގެ ނުފޫޒުތަކާއި ދިމާއަށް ދީއްލާލައި ބައްސާލައި މަންޒަރު ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހިންނަށް "ފަރުވާކުޑަކޮށްލެވޭ" ހާލަތު ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ދިގު ތާރީހުގައި ކާބަފައިންނާއި ކުރިމަތިވެފައިވާފަދަ، ކަޅުއަނދިރި ނާމާން ދުވަސްތަކެއް މިހާރު ރާއްޖޭގެ ރައްޔިތުން ބަރުދާސްތު ކުރަމުންދާކަމީ ދެބަސްވެވޭނެ ކަމެއް ނޫން ކަމަށާއި މިއަދުގެ ހާލަތަކީ ގައުމުގެ އިގުތިސާދުގެ ދުވެލި ފަހަތަށް ޖެހެމުންދާ ދިއުން ކަމުގައި ތަސްމީން ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުގެ ހިންގުން ބޮއްސުންލައި ރައްޔިތުން ދަރަނިވެރިވެފައިވާ ކަމަށާއި ގައުމަށް ތައާރަފުކުރެވުނު ޑިމޮކްރަސީގެ އައު ނިޒާމުގެ މައިތަނބުތައް ނެތިކޮށްލައި، ބޯދާ ވެރިކަމުގެ ހަރުކަށި ގޮތްތައް އަލުން އިއާދަކުރަން އުޅޭ މަންޒަރު ކޮންމެ ދުވަހަކުހެން ފެންނަމުން ކަށަވަރުވަމުންދާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
" ފެންނަމުންދާ އަނެއް ހަގީގަތަކީ ޑިމޮކްރަސީއެއް އާލާވެ ކުރިއެރުމުގެ އެންމެ މުހިންމު ބަހާ ކަމުގައިވާ މިނިވަން މުސްތަގިއްލު އަދުލު އިންސާފުގެ ބާރު މިގައުމުން ނެތިކޮށްލަން ހަމަލާތަކެއް ކުރިމަތި ކުރުވާ މަންޒަރު،" ތަސްމީން ވިދާޅުވި އެވެ.
އިގުތިސާދީ ފުން އަނދަވަޅަކަށް މިގައުމު ވައްޓައިލުމަށް ކުރާ މަސައްކަތްތައް ފަހަށްޖައްސައި ހުއްޓުމަށްޓަކައި، ގައުމުގެ އަގު އިސް ކުރުމުގެ ރޫހު ހިތްތަކުގައި ޖަހަމުންދާ ފަހުލަވާނުންގެ ސަފުތައް އެކީއެއް ހަމައެއްގައި ރުކުރުވާލުމަށް ތަސްމީންގެ ބަޔާނުގައި ގޮވާލައްވާފަ އެވެ.
ޔުނެސްކޯ ވޯޓުގައި ރާއްޖެ އިން ބައިވެރިނުވެވުނީ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދަށް އެރި އޮޅުންތަކެއްގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފަ އެވެ.