ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް، ޕްލޭނިން މިނިސްޓްރީއިން އެކުލަވާލާފައިވާ ގައުމީ ތަރައްގީގެ ތަސައްވަރުގެ ދަށުން ތަރައްގީ ގެންނާނީ އެއް ރަށް އަނެއް ރަށަށް ބަރޯސާވާން ޖެހޭ ގޮތަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 20 އަހަރު ތެރޭގައި މާލެ ފަދަ އިގްތިސާދީ ވަރުގަދަ މަރުކަޒީ ރަށްތަކެއް އަތޮޅު ތެރޭގައި އުފެއްދުމަށް ސަރުކާރުން ކުރާ ތަސައްވުރުގެ ޕްލޭނަށް ކިޔަނީ "މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" އެވެ.

މިނިސްޓަރު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި، އެ ޕްލޭން އާ ގުޅޭ ބައެއް މައުލޫމާތު މެމްބަރުންނަށް ސާފުކޮށްދެއްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަސް ރީޖަނަށް ބަހާލައިގެން ނޫން ކަމަށެވެ.

"ރާއްޖެ ތަރައްގީ ކުރަން އަޅުގަނޑުމެން ސްޕޭޝަލް ޕްލޭންގައި ހިމަނާފައި އޮތީ ސެންޓްރަލް އެއް ރީޖަނާއި، ފަސް މެއިން ރީޖަނާއި، ނުވަ ސަބް ރީޖަނާއި އަދި ހަ ސެޓެލައިޓް ކްލަސްޓާއެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މެއިން ރީޖަންތަކާ ސަބް ރީޖަންތަކާ މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށާއި، އަދި ސަބް ރީޖަންތަކަށް މެއިން ރީޖަނަކަށް ވުރެ ކުރި އަރައިގެން ދާން އެއްވެސް ހުރަހެއް ވެސް ނޯންނާނެ ކަމަށެވެ.

"މިއީ ކަމެއް ހުއްޓޭ ހިސާބެއް ނޫން. މިއީ ކަމެއް ފެއްޓޭ ހިސާބު،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީ ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ މީހުން ދިރިއުޅޭ އެއްވެސް ރަށެއް ބާކީ ނުކުރުން ކަމަށާއި ނަމަވެސް އޭގެ މާނައަކީ ހުރިހާ ރަށެއްގައި ހުރިހާ ކަމެއް ކުރުން ނޫން ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.

"އޭގެ މާނައަކީ އެއް ރަށް އަނެއް ރަށަށް ބަރޯސާވާން ޖެހޭ ގޮތަށް ތަރައްގީ ގެންނާނަމޭ. ހަމައެކަނި އެންމެ ރަށަކަށް ނޫނޭ އެ އަތޮޅެއްގެ ރައްޔިތުން ދަތުރު ކުރަން ޖެހޭނީ. ކޮންމެ ރަށަކަށް ވެސް ތަރައްގީގެ ކަންތައްތަކެއް އަޅުގަނޑުމެން ލާނަން ރައްޔިތުން އެކަމަށް ބަރޯސާ ވާން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްޕޭޝަލް ޕްލޭންގެ ދަށުން ކޮންމެ ރަށެއްގައި ވެސް "ޕުލް ފެކްޓާ" އެއް ހިމަނާނެ ކަމަށެވެ. ސްޕޭޝަލް އާ ގުޅޭގޮތުން ބައެއް ފަރާތްތަކަށް ވަރަށް ބޮޑެތި އޮޅުންތަކެއް އަރާފައިވާކަން ވެސް މިނިސްޓަރު މިއަދު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޕްލޭން އާ ގުޅޭ ކަންކަން ސާފުކޮށްދިނުމަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންދަން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިނިސްޓްރީ އިން އެކަމަށް އެދުމުން ވީ އެންމެ އަވަހަކަށް އެކަމުގެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ސްޕޭޝަލް ޕްލޭނުގައި ރާއްޖެ ބަހާލި އިރު، ހދ. މަނުކުދޫ އެއްވެސް ކްލަސްޓާ އަކަށް ވެސް، ރީޖަނަކަށް ވެސް އަދި ސަބް ރީޖަނަކަށް ވެސް ވަދެފައި ނެތުމުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެހެން އެކަން ދިމާވެފައި ވަނީ މަކުނުދޫ އަކީ އެކަހެރިކޮށް އުފެދިފައި އޮތް ރަށަކަށް ވުމުން ކަމަށެވެ. ނަމަވެސް މަކުނުދޫ އާ ދޭތެރޭގައި ސަރުކާރުން ހާއްސަ ނަޒަރަކުން ބަލާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ.