27 Aug 2019, 11:49
އޮޑިޓިންގެ ދާއިރާ އަށް ދިވެހިން އިތުރު ކުރަންޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ތިންވަނަ އެކައުންޓެންސްޓްސް ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ ރާއްޖެއަށް ޕްރޮފެޝަލް އޮޑިޓިން އާއި އެކައުންޓިން ތައާރަފުވެގެން އައި އިރު، އެ ދާއިރާގައި އިސްކޮށް ތިބީ ބިދޭސިން ކަމަށާއި އަދިވެސް އެ މަންޒަރު ފެންނަމުންދާ ކަމަށެވެ.
ރާއްޖޭގައި އޮޑިޓިން އާއި އެކައުންޓިންގެ ދާއިރާ އިން ގިނަ ބަޔަކު ތައުލީމު ހާސިލް ކުރަމުންދާކަން ފާހަގަ ކުރައްވާ ޒިޔަތު ވިދާޅުވީ ބިދޭސީން ކުރާ މަސައްކަތްތަކާ ދިވެހިން ހަވާލުގެ ރާއްޖޭގެ އެކައުންޓިންގެ ދާއިރާ އަކީ ދިވެހިންގެ ދާއިރާ އަކަށް ހަދަން ޖެހިފައިވާ ކަމަށެވެ.
ޒިޔަތު އިތުރަށް ވިދާޅުވީ އޮޑިޓަރުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މަސައްކަތް ކުރާ ކަމަށެވެ. ކޮންމެ އަހަރަކުވެސް އެ ދާއިރާ އިން މީހުން ތަމްރީނުކޮށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދެވޭކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.
ޒިޔަތު ވިދާޅުވީ ރާއްޖޭގައި ޗާޑާޓް އެކައުންޓެންޓުންގެ ޖަމްއިއްޔާ އެއް އުފެއްދުމަކީ އުއްމީދެއްކަމަށެވެ.
އޮޑިޓް އޮފީހުން އެކައުންޓެންޓުންގެ ފޯރަމް ބާއްވާ މިއީ ތިންވަނަ އަހަރެވެ. މި ފޯރަމަށް ދާއިރާގެ ޕްރޮފެޝަނަލުންގެ ފަރާތުން ލިބޭ ސަޕޯޓަށް އޮޑިޓަ ޖެނެރަލް ޒިޔަތު ވަނީ ޝުކުރު ދަންނަވައިފައެވެ.