27 Aug 2019, 11:29
ދިއްލީ (އޮގަސްޓް 27): ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފާސްޓް ފުޑް ކުންފުނި ކަމަށްވާ މެކްޑޮނަލްޑްސް އިން ބޭނުން ކުރަނީ ހަލާލު މަސް ކަމަށް އެކުންފުނިން ބުނުމުން، މެކްޑޮނަލްޑްސް ބޮއިކޮޓް ކުރަން އިންޑިއާގެ ބައެއް މީހުން ގޮވާލައިފި އެވެ.
އިންޑިއާގައި އެމައްސަލަ ފެށުނީ މެކްޑޮނަލްޑްސްގެ ހުރިހާ ރެސްޓޯރެންޓަކީވެސް ހަލާލް ސެޓްފިކެޓް އޮންނަ ރެސްޓޯރެންޓުތައް ކަމަށް މެކްޑޮނަލްޑްސް އިންޑިއާއިން ޓުވިޓާ މެދުވެރިކޮށް ބުނުމުންނެވެ.
"އަޅުގަނޑުމެންގެ ހުރިހާ ރެސްޓޯރެންޓެއްގައިވެސް ހަލާލް ސެޓްފިކެޓް އޮންނާނެ. އަދި އެކަން ޔަގީން ކުރުމަށްޓަކައި ކޮންމެ ރެސްޓޯރެންޓެއްގެ މެނޭޖަރުގެ ގާތުގައި ހަލާލް ސެޓްފިކެޓް ދެއްކުމަށް އެދެވިދާނެ،" ޓުވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މެކްޑޮނަލްޑްސް އިންޑިއާއިން ބުންޏެވެ.
ނަމަވެސް އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކޮށް، އިންޑިއާގައި މެކްޑޮނަލްޑްސް ބޮއިކޮޓް ކުރުމަށް ގޮވާލާ ހޭޝްޓެގް އެތައް ހާސް މީހުން ބޭނުން ކުރަން ފެށި އެވެ.
އަދި އިންޑިއާގެ އާބާދީގެ 80 ޕަސެންޓް ހިއްސާ ކުރަނީ ހިންދޫން ކަމަށްވީ ނަމަވެސް މެކްޑޮނަލްޑްސްއިން ހަލާލު މަސް ބޭނުން ކުރަނީ ކީއްވެގެންތޯ އެމީހުން ސުވާލު ކުރި އެވެ.
"މިއީ ހިންދޫންގެ ގަބޫލުކުރުންތަކަށް ގަސްތުގައި ދިން ހަމަލާއެއް. އިންޑިއާގެ 80 ޕަސެންޓަކީ ހިންދޫން، ހަތަރު ޕަސެންޓަކީ ސިކުންނާއި ބުޑިސްޓުންނާއި ޖައިނިޒަމްއަށް ތަބާވާ މީހުން. ނަމަވެސް މެކްޑޮނަލްޑްސްއިން އެ 84 ޕަސެންޓް މީހުންނަށް ވުރެ އިސްކަން ދިނީ އާބާދީގެ 14 ޕަސެންޓް ހިއްސާ ކުރާ މުސްލިމުންނަށް. މިއީ އިންޑިއާގެ ހުރިހާ ދީންތަކަށް ތަބާވާ މީހުންވެސް މެކްޑޮނަލްޑްސް ބޮއިކޮޓް ކުރަންވީ ވަގުތު،" ޓުވިޓާ ބޭނުން ކުރާ ފަރާތަކުން ބުންޏެވެ.
އަދި ބައެއް މީހުން ވަނީ މެކްޑޮނަލްޑްސްއިން ޖަނަވާރު ކަތިލުމަށް ހަލާލް އުސޫލުތަކުގެ ބަދަލުގައި ހިންދޫން ބޭނުން ކުރާ އުސޫލުތައް ބޭނުން ނުކުރަނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ.
ނަމަވެސް އެހެން ފަރާތްތަކުން ވަނީ މެކްޑޮނަލްޑްސްއިން ހަލާލް ކާނާ ދިނުމަކީ އެމީހުން ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ޖައްސަނީ މުޖުތަމައުގައި ނަފްރަތާއި ރުޅިވެރިކަން ފަތުރަން ބޭނުންވާ މީހުން ކަމަށް ބުނެފަ އެވެ.
އިންޑިއާގައި ހުންނަ މެކްޑޮނަލްޑްސްގެ ރެސްޓޯރެންޓުތަކުން ގެރި މަހާއި އޫރު މަހުގެ ބާވަތްތައް ނުވިއްކަ އެވެ. އޭގެ ބަދަލުގައި ވިއްކަނީ ކުކުޅާއި ކަނޑު މަހާއި އެއްވެސް ބާވަތެއްގެ މަސް ނާޅާ ހުންނަ ކާނާ އެވެ.