އެއްވެސް މަގާމެއް ބޭނުމެއް ނޫން ކަމަށާއި ބޭނުންވަނީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ހިދުމަތްކުރުން ކަމަށް ރޭ އެ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެެ.

ކުރީގެ ސަރުކާރުގެ އިސްވެރިންތަކެއް ސޮއި ކުރުމަށް ރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ، ޕާޓީއަށް 24 ގަޑިއިރު ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށާއި ޕާޓީ ލީޑަރު ބޭނުންވާ ކޮންމެ ކަމެއްގައި އޭނާގެ އެހީތެރިކަން އޮންނާނެ ކަމަށެވެ.

"އެއްވެސް މަގާމެއް، ޕާޓީގެ އެއްވެސް މަގާމެއް އަޅުގަނޑުމެން ބޭނުން ނޫން. އަޅުގަނޑު ބޭނުންވަނީ، ޕާޓީއަށް މީހުން އިތުރުކުރުމާއި ޕާޓީއަށް ބޭނުންވާ ކަންތައްތަކުގައި އަޅުގަނޑުގެ މަދަދުވެރިކަން ހަމަޖައްސައިދިނުން،" ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަފަހު، ޖަލްސާގައި ވާހަކަ ދައްކަވަމަމުން ޖިހާދު ވިދާޅުވި އެވެ. "ޕާޓީ ލީޑަރު ބޭނުންވާ ހުރިހާ ކަމެއްގައި އަޅުގަނޑުގެ ފަރާތުން ތާއިދުއޮންނާނެ. 24 ގަޑިއިރިވެސް އަޅުގަނޑުގެ ހިދުމަތް ލިބޭނެ. ޕާޓީގެ ލީޑަރު ހިނގާ ސްޕީޑޫގައި އެމަނިކުފާނުގެ ފަހަތުގައި ތިބެގެން އަޅުގަނޑުމެން ހިނގާނަން،"

ކުރީގެ ނައިބު ރައީސް ޖިހާދު ޖޭޕީއަށް ސޮއިކުރި ފޯމް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ހަވާލުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ ޕޯޑިއަމްތަކުގައި މީގެ ކުރިން ވާހަކަ ނުދައްކަވާ ޖިހާދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އޭނާ ސިޔާސީ ޕޯޑީއަމްތަކުން ފެންނާނެ ކަމަށާއި ދެން އޭނާ ފެނިގެންދާނީ ސިޔާސީ މަޝްރަހުގައި ވަރަށް "އެކްޓިވްކޮށް" ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ، 2023 ގައި މި ޕާޓީއަކީ ރާއްޖޭގެ ނަންބަރު ވަން ޕާޓީއަކަށް ހެދުން. އެކަން އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ،" ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފަހުން ނައިބު ރައީސްކަން ކުރެއްވި ޖިހާދު ވިދާޅުވި އެވެ.

ގާސިމަށް ވަރަށްބޮޑަށް ވާހަކަ ތައުރީފު ކުރައްވަމުން ޖިހާދު ވިދާޅުވީ، އޭނާއަށް ގާސިމްއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށާއި ގާސިމްއަކީ ވަރަށް "ހީވާގި، ވިސްނުން ތޫނު، ހިޔާލު ތަނަވަސް" ބޭފުޅެއް ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ ސަރުކާރުގައި ގާސިމް މާލީ ވަޒީރު ކަމާ ހަވާލުވެ، ދައުލަތުގެ ބަޖެޓް އެތަށް އެތަށް ގުނައަކަށް އިތުރު ކުރެއްވި ކަމަށެވެ. ރިޔާސީ އިންތިހާބުތަކުގައި ގާސިމް ތާއީދު ލިބޭ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުވުމަކީވެސް ގާސިމްގެ ވިސްނުންތޫނުކަން ދައްކުވައިދޭ ކަމެއް ކަމަށް ޖިހާދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ގާސިމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފަ އެވެ. ރޭގެ ޖަލްސާގައި ޖިހާދުގެ އިތުރުން ދެން ސޮއި ކުރެއްވީ، ކުރީގެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީންއާއި އިއްޔެ ޕީއެންސީއިން އިސްތިއުފާދެއްވި އެ ޕާޓީގެ ނައިބު ރައީސްއެއްގެ ގޮތުގައި ހުންނެވި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދު އަދި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު އެވެ.