27 Aug 2019, 10:14
ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި އޮޑިޓަރުންނާއި އެކައުންޓެންޓުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.
އޮިޑިޓާ ޖެނެރަލްގެ އޮފީހުން ބާއްވާ ތިންވަނ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނާޝިޒް ވިދާޅުވީ، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްފައިވަނީ އިންސާފުުވެރިކަމާއި އަމާނާތްތެރިކަމާއެކުކަން ޔަގީން ކުރުމަށް އޮޑިޓަރުންނާއި އެކައުންޓެންޓުންގެ ޒިންމާ ބޮޑު ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ފަންނީ ޒިންމާ، ފަސް ނުޖެހި ވަގުތުން ވަގުތަށް އަދާ ކުރަން ޖެހޭ ކަމަށް ނާޝިޒް ވިދާޅުވި އެވެ.
"ސަރުކާރު ޒިންމާދާރު ކުރުމަށް ދައުލަތުގެ މާލިއްޔަތު ކޮމެޓީ އިން އެންމެ ބޮޑަށް ބަރޯސާވަނީ އޮޑިޓް އޮފީހުގެ އޮޑިޓް ރިޕޯޓުތަކަށް.ސަރުކާރުގެ އާމްދަނީ އާއި ވަސީލަތްތައް ބޭނުންކޮށްފައި ހުރީ ކިހިނެއްތޯ ބެލުމަށްވެސް އެންމެ ބޮޑަށް ބަރޯސާ ވަނީވެސް މި ރިޕޯޓުތަކަށް،" ނާޝިޒް ވިދާޅުވި އެވެ.
ނާޝިޒްވީ ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރި އޮޑިޓްތަކަށް ބަލާއިރު، ކުންފުނިތަކުގެ ގަވަނެންސާއި އިންޓާނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރުމަށް ކޮލިފައިޑް އެކައުންޓެންޓުންނާއި މާލީ ފަންނުވެރިން ހޯދަންޖެހިފައިވާ ކަމަށެވެ.
ޕްރޮފެޝަނަލް އެކައުންޓެންސީ އޮގަނައިޒޭޝަންގެ ބިލަށް އިސްކަންދީ އެ ބިލް ވީހާވެސް އަވަހަށް ފާސް ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޝިޒް ވަނީ، ރާއްޖޭގެ އޮޑިޓިންގް އަދި އެކައުންޓިންގް ޕްރޮފެޝަން ތަރައްގީކޮށް ކުރިއެރުވުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތަށް މާލިއްޔަތު ކޮމިޓީގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މާލީ މުވައްޒަފުންނާ އެއްވަރަށް ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ދައުރު ފާހަގަ ކުރައްވާ ނާޝިޒް ވިދާޅުވީ އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވާންޖެހޭ ކަމަށެވެ.
ޕަބްލިކް އެކައުންޓުތައް އެކައުންޓެބަލް ކުރުމަށް ކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމެޓީގައި އޮޑިޓް ރިޕޯޓުތައް ދިރާސާކުރަމުން ދިޔައިރު މައިގަނޑު ދެކަމެއް ފާހަވިކަމަށް ނާޝިޒް ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކީ އޮޑިޓް ރިޕޯޓަކީ އިތުބާރުހިފޭ، އެކަށީގެންވާ ވަގުތުގައި ނެރެވޭ އެއްޗަކަށް ވާން އެބަޖެހޭ. އަނެއްކަމަކީ އެ ރިޕޯޓުތަކަކީ އެތިކަލް އެއްޗެއްސަށް ވާން އެބަޖެހޭ. ކޮރަޕްޝަން ފޮރުވުމަށް އޮޑިޓް ރިޕޯޓުތަކުގައި މަސައްކަތް ކުރުމަކީ އޮޑިޓަރުންނާއި އެކައުންޓެންޓުންގެ މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ގެއްލޭނެ ކަމެއް،" ނާޝިޒް ވިދާޅުވި އެވެ.
ވިސްލް ބްލޯވަރުން ރައްކާތެރިކުރުމުގެ ގާނޫނާއެކު ކޮރަޕްޝަނުގެ ވާހަކަތައް ފަޅާއަރުވާލާ މީހުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށާއި އެ ބިލްގެ މަސައްކަތް ވެސް މަޖިލީހުގެ ތެރެއިން އަވަސް ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.