މި އަހަރު ކުރުމަށް ރާވާފައި ހުރި މަސައްކަތްތަކުގެ 100 ޕަސެންޓު ހާސިލް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ހާސިލް ކުރެވޭނެ ކަމަށް ބެލެވެނީ މަސައްކަތްތަކުގެ 80 ޕަސެންޓު ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބަނދަރުގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ތެރޭގައި، ބަނދަރުގެ މަސައްކަތްތަކުގެ ގޮތުގައި ބަޖެޓުގައި ހިމެނިފައި ވަނީ 563 މިލިއަން ރުފިޔާގެ މަސައްކަތް ކަމަށެވެ.

ނަމަވެސް މިހާތަނަށް ކޮންޓްރެކްޓުގައި ސޮއި ކުރި އެގްރީމަންޓުތަކުގެ އަގު 600 މިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ކޮންޓްރެކްޓުގައި ސޮއި ކުރެވުނަސް އަހަރުގެ ތެރޭގައި ކޮންޓްރެކްޓުގައި ސޮއި ކުރެވޭ އަދަދު އެކީގައި ޑިސްޕާސް ވެގެންނެއް ނުދާނެ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި އަދަދުގެ ގާތްގަނޑަކަށް 75 ޕަސެންޓާ 80 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ.

"ޑިސްޕާސްމަންޓަކީ ސީދާ މަސައްކަތް ކުރިއަށްދާ މިންވަރާ ގުޅިފައި އޮންނަ ކަމެއް. އެހެންވީމަ އަޅުގަނޑުމެން މި ގަބޫލު ކުރަނީ އަޅުގަނޑުމެންނަށް މަސައްކަތުގެ ގޮތުގައި އަހަރުގެ ތެރޭގައި އެޗީވް ވާނީ ގާތްގަނޑަކަށް އަށްޑިހަ ޕަސެންޓޭ. ސަތޭކަ ޕަސެންޓަށް މަސައްކަތް އެޗީވް ވާނެ ކަމަކަށް އަޅުގަނޑެއް ނުބަލަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ބަނދަރާ ގުޅޭ 59 މަސައްކަތެއް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިން 19 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ކޮންޓްރެކްޓުގައި ސޮއި ކުރެވިފައިވާ ކަމަށެވެ.

އަދި 22 ބަނދަރުގެ މަސައްކަތް ޓެންޑާ ކުރެވިފައިވާ ކަމަށާއި، 18 ބަނދަރެއްގެ މަސައްކަތް ޓެންޑާ މަރުހަލާއަށް ފޮނުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބު ކޮށްގެން މިގެންދަނީ ބަޖެޓުގައި މަސައްކަތް ކުރުމަށް ބޮޑުކޮށް ފައިސާ ހިމަނާފައި ހުރި މަސައްކަތްތައް އަހަރުގެ ކުރީކޮޅު ފަށައިގެން އައިސް މަދުން ފައިސާ ހިމެނިފައި ހުރި ކަންކަން އަހަރުގެ ފަހުކޮޅުގައި ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް މީގެ ކުރިން ވިދާޅުވެފައި ވަނީ ފެނާއި ނަރުދަމާއާއި ބަނދަރު އަދި މަގު ހެދުމުގެ 39 މަޝްރޫއެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ އަގު 1.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.