27 Aug 2019, 10:25
އާމްދަނީ ހޯދުމަށް ރޭލު ސްޓޭޝަންތަކުގައި ލަވަ ކިޔާ އަންހެނަކު ކީ ލަވައެއް މަޝްހޫރުވެ އޭނާ އަށް ފިލްމެއްގެ ލަވައަކުން ފުރުސަތު ލިބި އެ ލަވަ ރެކޯޑު ވެސް ކޮށްފިއެވެ.
މަޝްހޫރު ވި އަންހެން މީހާ އަކީ ރާނޫ މޮންޑާލްއެވެ. އޭނާ މަޝްހޫރުވީ ސްޓޭޝަނުގައި ލަވަކިޔާ މަންޒަރު ވީޑިއޯކޮށް އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ހިއްސާކުރުމުންނެވެ. އެއާ އެކު މުޅި ސޯޝަލް މީޑިއާއަށް ގުޑުން އެރިއެވެ.
ރާނޫ އެ ދުވަހު ސްޓޭޝަނުގައި ކީ ލަވައަކީ އިންޑިއާގެ ރަން އަޑުގެ ވެރިޔާ ލަތާ މަންގޭޝްކަރުގެ "އެކް ޕިޔާރު ކަ ނަގްމާ ހޭ" އެވެ. އެ ލަވައާއެކު އޭނާ މަޝްހޫރުވިއިރު ބޮލީވުޑްގެ ލަވަކިޔުންތެރިންވެސް އަންނަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.
އެގޮތުން ބޮލީވުޑްގެ މިއުޒިކް ޑައިރެކްޓަރު، ލަވަކިޔުންތެރިޔާ އަދި އެކްޓަރު ހިމޭޝް ރޭޝަމިއާ ކުރިއަށް އޮތް ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" ގެ ލަވައެއް ކިޔުމުގެ ފުރަސަތު އޭނާ އަށް ވަނީ ލިބިފައެވެ. "ތޭރީ މޭރީ ކަހާނީ" ގެ ނަމުން ނަންދީފައިވާ އެ ލަވަ މިހާރު ރެކޯޑުކޮށް ނިންމަފައިވާއިރު އެ ލަވަ ރެކޯޑުކުރި ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ހިމޭޝް ހިއްސާކޮށްފައެވެ.
ހިމޭޝް ބުނީ ރާނޫގެ އަޑަކީ ޖާދުވީ އަޑެއް ކަމަށާއި ލަވަ ކިޔާލެއް ވަރަށް ހިތް ގައިމު ކަމަށެވެ. އަދި އެ އަޑަކީ ލަވަތަކުން އިވެންޖެހޭ އަޑެއް ކަމަށްވެސް އޭނާ ބުންޏެވެ.
ހިމޭޝް ބުނީ އަބަދުވެސް އާ މީހުންނަށް ދާއިރާއިން ފުރުސަތު ދޭން ބޭނުންވާ ކަމަށާއި ރާނޫ އަކީ ހުނަރުވެރި މީހެއް ކަމަށެވެ.
ކޮންމެއަކަސް ރާނޫ މިވަނީ ރޭލު ސްޓޭޝަނެއްގައި ކިޔާލި ލަވައަކުން ތަރިއަކަށް ބަދަލުވެފައެވެ.
ރާނޫ ބުނީ އޭނާގެ ހުނަރު ގިނަ ބަޔަކަށް ފާހަގަކުރެވެން ފަށައިފި ކަމަށާއި ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ލިބޭތީ އުފާވާ ކަމަށެވެ.
އިންޑިއާގެ އެކި ހިސާބުތަކުންނާއި އެހެން ގައުމުތަކުން ވެސް އޭނާ އަށް އަންނަނީ ދައުވަތު ލިބެމުންނެވެ.
ރާނޫގެ ލަވަ އަޑުއެހި މީހުން ބުނަނީ އޭނާ އަކީ ބޮލީވުޑްގެ ލަވަކިޔުންތެރިންނަށް ދޫނުކުރާ ވަރުގެ ލަވަކިޔުންތެރިއެއް ކަމަށާއި ލަތާ މަންގޭޝްކަރަށްވެސް ދޫނުކުރާވަރުގެ ތަރިއެއް ކަމަށެވެ.
ރާނޫ ވަނީ ސޮނީ އެންޓަޓެއިންމަންޓުން ގެނެސްދޭ "ސުޕަ ސްޓާ ސިންގާ" ޝޯއަށް ގޮސް ލަވަ ކިޔާފައެވެ. އަދި މޭކް އޯވާ އެއްވެސް އޭނާ އަށް ލިބި އޭގެ ބޭނުންވެސް ރާނޫ ވަނީ ހިފާފައެވެ.