އޮކްލަހޯމާ ސިޓީ (އޮކްޓޯބަރު 6): އެމެރިކާގެ އޮކްލަހޯމާ ސްޓޭޓަށް ރޭ އައި ބިންހެލުމެއްގައި އެސްޓޭޓްގެ ބައެއް ރަށްރަށުގެ އިމާރާތްތަކަށާއި އިންފްރާސްޓްރަކްޗަރަށް ގެއްލުންތަކެއް ލިބިއްޖެ ކަމަށް އެސްޓޭޓްގެ މަސްއޫލުވެރިން ވިދާޅުވެއްޖެ އެވެ.

ނަމަވެސް މިގެއްލުންތަކުގެ ފުރިހަމަ މައުލޫމާތު އަދި ނުލިބޭ ކަމަށް އެސްޓޭޓުގެ ރަސްމީ އިދާރާތަކުން ބުނެ އެވެ.

ރެކްޓަރު މިންގަނޑުން 4.7 ގެ ބާރުމިނުގައި އައި މިބިންހެލުމަކީ 1952 ވަނަ އަހަރަށްފަހު އެސްޓޭޓަށްއައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މިބިންހެލުން އައިސްފައިވަނީ އޮކްލަހޯމާސިޓީގެ އިރުމައްޗަށް ކަމަށާއި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެސްޓޭޓްގެ ލިންކްލޮން ޑިސްޓްރިކްޓަށް ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިހާދިޝާއާ ގުޅިގެން މީހުން މަރުވިކަން ނޫނީ ނުވަތަ ޒަހަމްވިކަމުގެ ރިޕޯޓެއް އަދި ލިބިފައިނުވާ ކަމަށް އެސްޓޭޓްގެ މަސްއޫލުވެރިން ވިދާޅުވެ އެވެ. އޮކްލަހޯމާ ސްޓޭޓަށް އައި ބިންހެލުމުގެ މަރުކަޒު ހުރީ އެސްޓޭޓްގެ އިރުމަތީ ސަރަޙައްދެއް ކަމަށްވާ ޕްރާގްގެ ބިމުގެ އަޑިން އެތައް ކިލޯމީޓަރެއްގެ އަޑީގައި ކަމަށް އެމެރިކާގެ ޖިޔޮލޮޖިކަލް ސާވޭއިން ބުނެ އެވެ.
އޮކްލަހޯމާއަށް އައި ބިންހެލުމަށްފަހު އެކިވަރުގެ ކުދި ބިންހެލުންތަކާއި ބިމުގެ ލޮޅުންތައް އެސްޓޭޓަށް އަންނަމުންދާ ކަމަށް ހަބަރުތައް ބުނެ އެވެ. (ރޮއިޓާސް)