15 Jun 2010, 15:11
19:00
އައިޖީއެމްއެޗްގެ ނަރުހަކަށް ބަލި މީހެއްގެ އެހީތެރިއަކު އިއްޔެ ހަމަލާދީ މާރާމާރީ ހިންގާފައިވާތީ އެކަން މާލޭ ހެލްތު ކޯޕަރޭޝަނުން ކުށްވެރިކޮށްފި އެވެ.
އެ ކޯޕަރޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އައިޖީއެމްއެޗަކީ ކަނޑައެޅިފައި އޮންނަ ވަކި އުސޫލެއްގެ މަތިން ވަސީލަތްތައް ހުރި މިންވަރަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް އެ ހޮސްޕިޓަލުންގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެއް ކަމަށެވެ. އަދި އެ އުސޫލު ފަހަނައަޅައި، ބިރުދެއްކުމާއި، މާރާމާރީ އާއި އަޚްލާގީ ގޮތުން ދަށު ދަރައިޖައިގެ އަމަލުތައް މެދުވެރިކޮށް ޚިދުމަތް ލިބިގަތުމަށް މަސަކަތްކުރާ ފަރާތްތަކަށް އެ ކޯޕަރޭޝަންގެ ފަރާތުން ދޭ ސިއްހީ ޚިދުމަތް، އެ ފަރާތްތަކުގެ ސުލޫކީ މިންގަނޑު އިސްލާހު ވަންދެން މެދު ކަނޑާލަން މަޖުބޫރު ވެދާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންނާއި، ޑޮކްޓަރުންނާއި އަދި އެހެނިހެން މުވައްޒަފުންނަށް ބިރުވެރިކަމުން ސަލާމާތްވެ ތިބެ ޚިދުމަތް ދެވޭނެ މާހައުލެއް އޮންނަންޖެހޭ ކަމުގައި އެކޯޕަރެޝަނުން ގަބޫލުކުރާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
ހެލްތު ކޯޕަރެޝަންގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންނާއި ޑޮކްޓަރުންނަކީ އިންސާނުންގެ ފުރާނައާއި ސިއްހީ ރައްކާތެރިކަމަށްޓައި ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ބަޔަކަށްވާއިރު އެފަދަ ދަށު ދަރައިޖައިގެ ޢަމަލުތައް ހިންގުމަކީ އެކޯޕަރޭޝަނުން ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އެކަމުގެ އަސަރު ޚިދުމަތް ހޯދަމުން އަންނަ އެތަކެއް ހާސް ބަޔަކަށް ސީދާކޮށްނާއި ނުސީދާކޮށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އައިޖީއެމްއެޗު ހޮސްޕިޓަލްގައި ހިދުމަތް ދެމުން އަންނަ ދިވެހި ނަރުހެއްގެ ގައިގައި އިއްޔެ މެންދުރުފަހު ޖަހައިފައި ވަނީ ހޮސްޕިޓަލްގެ އިމަޖެންސީ ވޯޑުގައި ފަރުވާ ހޯދަމުން އައި ބަލި މީހެއްގެ އެހީތެރިއަކު ހިދުމަތް ދިނުން ލަސްވާ ކަމަށް ބުނެ އެވެ. އަދި އެ މީހާ ވަނީ ނަރުސް ކުއްޖާގެ ކަންފަތްމަތީގައި ވަރަށް ބާރަށް ޖަހައިފައި ކަމަށް މަންޒަރު ދުށް މީހަކާ ހަވާލާދީ ބައެއް ނަރުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ އުމުރުން 46 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.