ބިއާރިޓްސް (އޮގަސްޓް 27) : އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ރޭވުމެއްނެތް ކަމަށާއި އަދި އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވިސްނުމެއްވެސް ނެތްކަމަށް ވިދާޅުވެ އީރާނަކީ ބާރުގަދަ ގައުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފި އެވެ.

ފަރަންސޭސިވިލާތުގެ ބިއާރިޓްސްގައި ކުރިޔަށްދާ ޖީ ހަތެއްގެ ސަމިޓް ގައި އީރާނުގެ މައްސަލައާބެހޭގޮތުން ވާހަކަ ދައްކަވަމުން ޓްރަޕް ވިދާޅުވީ އީރާނުގެ މައްސަލާގައި ރަގަނޅު ގޮތެއް ނިންމުމާ ހަމައަށް ޖީ ހަތެއްގެ ލީޑަރުން ގޮސްފައިވާ ކަމަށާއި އީރާނަކީ ސަރަހައްދީ ބާރެއްގެ އިތުރުން އަސްކަރީ ބާރާއި ނުފޫޒު ގަދަ ގައުމެއް ކަމުގަ އެވެ. އަދި އީރާނާ އަސްކަރީ ގޮތުން ކުރިމަތިލުމަށާއި އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ރޭވުމެއް އެމެރިކާ ނުގެންގުޅޭ ކަމަށާއި މައްސަލަ ހައްލުކުރަން ބޭނުންވަނީ ވާހަކަދައްކައިގެންކަމަށް ޓްރްމްޕް ވިދާޅުވި އެވެ.

އަނެއްކޮޅުން ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ރައީސް ހަސަން ރޫހާނީއާ ބައްދަލުކުރައްވަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ވަހަކަ ދައްކަވާފަ އެވެ.

ބިއާރިޓްސްގައި ކުރިޔަށްދާ ޖީ ހަތެއްގެ ސަމިޓް ނިންމާލުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ ޓްރަމްޕް މިހާރު ހުންނެވީ އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި ނިއުކްލިޔާ އެއްބަސްވުމާގުޅޭ މައްސަލަތައް ހައްލުކުރުމަށް ރޫހާނީ އާ ވާހަކަ ދައްކަވަން ތައްޔާރަށް ކަމުގަ އެވެ. މިގޮތުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޓްރަމްޕާއި ރޫޙާނީ ގެ ސަމިޓެއް ބޭއްވިދާނެކަމުގެ އުންމީދު އެބައޮތްކަމަށްވެސް މެކްރޯން ވިދާޅުވި އެވެ.

އީރާނަށް އިގްތިސާދީ ގޮތުން ލުއިދިނުމާބެހޭގޮތުން މިހިސާބަށް އާދެވުނީ ޓްރަމްޕާއެކު ޔޫރަޕްގެ ލީޑަރުން ޖީ ހަތެއްގެ ސަމިޓްގައި ގުޅިގެން ކުރެއްވި ވަރުގަދަ ޑިޕްލޮމެޓިކް މަސައްކަތްތަކެއްގެ ސަބަބުންކަން މެކަޣޯން ފާހަގަކުރެއްވިއެވެ. އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަރަންސޭސިވިލާތުން މިހާރުވަނީ ތާވަލެއްވެސް އެކުލަވާލާފައި ކަމށާ އެތާވަލަށް ޓްރަމްޕް ގެ ރުހުން ލިބިވަޑައިގެންފައިވާއިރު، އީރާނުގެ ލީޑަރުވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވާނެކަމުގެ ބޮޑު އުންމީދެއް އެބައޮތްކަމަށް މެކްރޯން ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް މައްސަލަތައް ކުރިމަތިވީ އެ އެއްބަސްވުމުން އެމެރިކާ މިދިޔަ އަހަރު ކުއްލި ގޮތަކަށް ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެފިޔަވަޅުތައް ތަންފީޒުކުރަން ފެށުމާ ގުޅިގެންނެވެ.

ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލްވެސްވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާގުޅޭގޮތުން މިހާރު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ޖީ ހަތެއްގެ ގައުމުތަކުގެ ލީޑަރުން ކުރިޔަށް ފިޔަވަޅުތަކެއް އަޅައިފި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޖީ ހަތެއްގެ ސަމިޓްގެ އަރިމަތީގައި މާކަލް ވިދާޅުވީ އީރާނާއެކު މައްސަލަތަކެއްގެ ތެރެއަށްވަންނަން ޖީ ހަތެއްގެ އެއްވެސް ގައުމެއްގެ ލީޑަރަކު ބޭނުންނުވާ ކަމާއި އަދި އެމެރިކާއާއި އީރާނުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޔޫރަޕްގެ ގައުމުތައް ގުޅިގެން ޓްރަމްޕާއެކު ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރެވި ބައެއްކަންކަން ކާމިޔާބަކާ ހަމައަށް ގޮސްފައިވާ ކަމުގައެވެ.

އީރާނާ ކުރިމަތިލުމުގެ ބަދަލުގައި އީރާނާ ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ޖީ ހަތެއްގެ ހުރިހާ ލީޑަރުންވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާ އެކަމާ އެމެރިކާވެސް އުސޫލެއްގެ ގޮތުން ދެކޮޅު ނުހަދާ ކަމަށް މާކަލް ވިދާޅުވިއެވެ. ނިއުކްލިޔާ އެއްބަސްވުމުގެ ދަށުން މަދަނީ ނިއުކްލިޔާ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމުގެ ފުރްސަތު އީރާނަށް ދިނުމަށް ދެކޮޅު ނުހަދާ ކަމަށާ ނަމަވެސް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އީރާނަށް ނުދިނުމަށް ޖީ ހަތެއްގެ ހުރިހާ ލީޑަރުން އެއްބަސްވެ ވަޑައިގަންވާ ކަމަށް މާކަލް ވިދާޅުވިއެވެ.

ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވަނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލަން އެއްބަސްވާނަމަ އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ހުށަހެޅުމެއް ޖީ ހަތެއްގެ ސަމިޓްގެ އަރިމަތީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަހަޅުއްވާފައެވެ. މެކްރޯންގެ ހުށަހެޅުމަށް ޓްރަމްޕް އިޖާބަ ނުދެއްވިނަމަވެސް ޓްރަމްޕްވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ރޭވުމެއްނެތް ކަމަށާ އަދި އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވިސްނުމެއްވެސް ނެތްކަމަށް ވިދާޅުވެ އީރާނަކީ ބާރުގަދަ ގައުމެއް ކަމަށް ސިފަކުރައްވާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފްވަނީ ޖީ ހަތެއްގެ ސަމިޓްގެ މެދުތެރެއިން ކުއްލި ގޮތަކަށް އެސަމިޓަށް ވަޑައިގެން ފަރަންސޭސި ރައީސް މެކްރޯން އާ މަޝްވަރާ ތަކެއް ކުރެއްވުމަށްފަހު ކުއްލި ގޮތަކަށް ޗައިނާއަށް ވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)