27 Aug 2019, 09:05
ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސްގައި ގިނަ އެވޯޑްތަކެއް ހާސިލުކުރި "ބްލެކް ޕެންތާ"ގެ ދެވަނަ ބައި 2022 ގައި ނެރުމަށް ނިންމައިފިއެވެ.
މާވެލްއިން ފުރަތަމަ ފަހަރަށް އެމެރިކާގެ ކަޅު ނަސްލު ހިމެނޭ ގޮތަށް އުފެއްދި ފިލްމު "ބްލެކް ޕެންތާ"އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އެ ފިލްމު ރިލީޒްކުރާނީ މެއި ހައެއް 2022 ގައެވެ. ފިލްމުގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު ހާމަކޮށްފައިވަނީ މާވެލް ޑީ23 އިވެންޓްގައެވެ.
ފިލްމުގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ އެ ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރި ރަޔަން ކޫލްގާ އެވެ.
އެފްރިކަން-އެމެރިކަން ގައުމެއް ކަމަށްވާ ވަކަންޑާގައި ހިނގާ ކަންތައްތަކެއް ދައްކައިދިން މި ފިލްމުގައި މުހިއްމު ރޯލުތައް ކުޅެފައިވަނީ ކަޅުނަސްލުގެ އެކްޓަރުންނެވެ.
ޗެޑްވިކް ބޯސްމޭން، މައިކަލް ބީ ޖޯޑަން، ލުޕިޓާ ނުޔޯންގްއޯ، ޓިން ފްރީމެންގެ އަދި ޑެނިއެލް ކަލުއްޔާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ ބްލެކް ޕެންތާ އަކީ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި މާވެލްގެ ދެވަނަ ފިލްމެވެ.
ބްލެކް ޕެންތާއިން ފެންނަނީ ބައްޕަ މަރުވުމަށްފަހު ޓީ-ޗައްލާ އޭނާގެ ގައުމުގެ ވެރިކަމާ ހަވާލުވުމަށްފަހު ހިނގާ ކަންތައްތަކެވެ. ވަކާންޑާއަކީ ޓީ-ޗައްލާގެ ގައުމެވެ. އެފްރިކާގެ އެ ގައުމަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަށް ގޮސްފައިވާ ގައުމެކެވެ.
ޓީ-ޗައްލާ އޭނާގެ ބައްޕަގެ ފަރާތުން ވާރުތަވި ރަސްކަމުގެ ތަހުތާ ހަވާލުވެއެވެ. ނަމަވެސް ކުއްލިއަކަށް ޒަމާންވީ ދުޝްމަނަކު ޓީ-ޗައްލާ އަތުން ތަހުތު ފޭރިގަތުމަށް އާދެއެވެ. އެ ދުޝްމަނަކީ އޭނާގެ ބޮޑުބޭބެގެ ދަރިއެކެވެ. ބޮޑުބޭބެ މަރާލީ ޓީ-ޗަައްލާގެ ބައްޕައެވެ. ގައުމުގެ ދިފާއުގައެވެ.
ދުޝްމަނުންނާ ހަނގުރާމަ ކުރުމަށް ޓީ-ޗައްލާ ބްލެކް ޕެންތާގެ ބާރުގެ ބޭނުން ކުރެއެވެ. ވަކަންޑާ އަދި މުޅި ދުނިޔެއަށްވެސް އޮތީ ބިރުވެރިކަމެކެވެ.
މި އަހަރު ބޭއްވި 91 ވަނަ އޮސްކާ އެވޯޑްގައި އެ ފިލްމަށް ވަނީ ތިން އެވޯޑް ލިބިފައެވެ.